12 Sep 2015, 21:23
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތަކީ ޝަރުއީ ދާއިރާ އާއި މަޖިލީހަށް ކުރިމަތިވާ އިމްތިހާނެއް ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ސީއެންއެންގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދު އަދީބު ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގެ ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ ދައުރުގައި އެ މަނިކުފާނުގެ ޕްރޮސިކުއުޓާ ޖެނެރަލް ކަމަށެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ކުރިން ރައީސް ނަޝީދު ސްޕްރީމް ކޯޓްގެ ތަޅު އެޅުވި ކަަމަށް ވެސް އަދީބު ވިދާޅުވި އެވެ.
ޑިމޮކްރަސީގެ އަސާސްތަކާއި ޚިލާފަށް މަޖިލީހުގެ ރުހުން ނެތި ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް އަދީބު ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ ދައުރުގައި ބޭއްވި ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުމުގެ ސަބަބުން އެމަނިކުފާނަށް ވަރަށް ބޮޑު މައްޝޫރުކަމެއް ލިބުނު ކަމަށާއި އަދި އެ ކެބިނެޓް މީޓިންގެ ސަބަބުން އެމެރިކާގެ މައްޝޫރު ފަރާތްތަކުގެ ރައްޓެއްސަކަށް ނަޝީދު ވެވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ. އެފަދަ ފަރާތްތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލު އަމާލް ކްލޫނީ ހިމެނޭ ކަމަށް އަދީބު ވިދާޅުވި އެވެ.
"ގަނޫނީ މަރުހަަލާގައި ސަރުކާރުން ބައިވެރިވާނެ، އެ މަރުހަލާތައް ވެގެންދާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ނުފޫޒުން އެއްކިބާވެގެންވާ ކަންކަން ކަމަށް ވެގެންދާނެ ކަމަށް ދެކެން ބޭނުންވަނީ،" އަދީބު ވިދާޅުވިއެވެ.
މީގެ އިތުރުން ސީއެންއެންގައި މިއަދު ޕަބްލިޝް ކުރި ލިޔުމުގައި އަދީބު ވަނީ ސީރިއާ ގައި ކުރަމުންދާ ހަނގުރާމާގައި ގާތްގަނޑަކަށް 100 ދިވެހީން ބައިވެރިވަމުންދާ ކަމަށެވެ. އަދި އެހެންގައުމުތަކަށް ދިވެހިން ހަނގުރާމަކުރަން ދިއުމަކީ ރާއްޖެ އަށް އޮތް ގޮންޖެހުމެއް ކަމަށް ވިދާޅުވެފަ އެވެ.