ހޮޓަލަކަށް ވަދެ ސައެއް ބުއިމުން ގެނައި ބިލާއި ކެއި އެއްޗެއްސާ ނުބައްދަލު ވުމުން ބިލުގެ ތަފްސީލް ދިނުމަށް އެދުނެވެ. ބިލަށް އެރިވަރާއި ނެގި ތަކެއްޗާއި ދިމާނުވުމުން ސޭޓާއި ސުވާލު ކުރުމުން ޖަވާބު ދިނީ އަނގަބަހުންނެވެ. އެވެނި މިވެނި އެއްޗެއް ނެގި ކަމަށް ބުނެ ހިސާބުތަކެއް އަމުނާލީ އެވެ. ލިޔުމުން އޭގެ ތަފްސީލެއް ފެންނާކަށް ނެތެވެ.

ކަން އެގޮތަށް ހިނގަމުންދާއިރު މުދަލާއި ހިދުމަތުން ނަގާ ޓެކްސް ކަމަށްވާ ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) ނެގުމުގެ ގާނޫނު ބުނާ ގޮތުން އެޓެކްސް ނަގާ ތަންތަނުން ހޯދާ ހިދުމަތްތަކުގެ އަގުގެ ތަފްސީލާ އެކު ރަސީދު ދޭން ޖެހެ އެވެ. އެ ރަސީދުން ވަކިވަކި ތަކެއްޗަށް އެރިއަގާއި ޓެކްސަށް އެރި އަދަދާއި ބިލުގެ ޖުމުލަ އަގު ފަސޭހައިން އެނގެން އޮންނަން ޖެހެ އެވެ.

ގާނޫނުގައި އެގޮތަށް އޮތް ނަމަވެސް މިއަދު ވެސް މިއޮތީ ހަމަ ކުރީގެ އުސޫލެވެ. ގިނަ ވިޔަފާރިތަކުން އަދިވެސް ބިލު ގެންނަނީ ސިނގިރެޓް ކާޓޫން ހުސްކުރި ފޮށި ކަފައިގެން އޭގައި ލިޔެގެނެވެ. ބިލު ބޮޑުހެން ހީވެގެން ތަފްސީލް ދިނުމަށް ބުނުމުން ޅެންބައިތެއް ކިޔާހެން ކިޔާލާނީ އެވެ. އޭގެ ތަފްސީލެއް އެތަކެތީގެ އަގެއް ލިޔުމަކުން ފެންނާކަށް ނުހުރެ އެވެ. މިއީ ގިނަ ތަންތަނުގެ ހާލެވެ. ހާއްސަކޮށް ކެއިންބުއިމުގެ ހިދުމަތްދޭ ގިނަ ކަޑަތަކުގެ ހާލަތެވެ.

ވިޔަފާރި ކުރުމުން ވަކިލާރިއާ އެކު ބާކީ ދެނީ،-- ސަން ފޮޓޯ: ޔޫސުފް ސޮއްފާން

މިއީ އެތައް ކަސްޓަމަރެއްގެ ޝަކުވާ އެވެ. ވާނީ ވެސް އެހެންތާ އެވެ. އޮޅުވާލައިގެން ނަގާ ފަހަރު ލާރިކޮޅެއް ނެގިޔަސް މަހެއްގެ މައްޗަށް އެ މޭރުމުން އެތައް ފައިސާއެއް އޮންނަނީ ހަރަދު ކުރެވިފަ އެވެ. ހަގީގަތައް ބަލާއިރު ގިނަ ފަހަރަށް ބިލުގެ ތަފްސީލް ނުދެނީ ބިލަށް މަކަރު ހެދުމަށްޓަކަ އެވެ.

"ހަގީގަތުގައި ވާގޮތަކީ އެމީހުން އެހެން ހަމައެކަނި އަދަދު ލިޔެގެން ގެނައުމުން އެއަށް ބަލާނުލައި ގިނަ މީހުން ޕޭ ކުރަނީ. އެހެންހެދީމަ މިމީހުން ބޭނުންގޮތެއްނު އޮންނާނީ،" ބިލުގެ މައްސަލަ ހިއްސާ ކުރަމުން މީހަކު ބުންޏެވެ.

ބިލުގެ ތަފްސީލް ނުދީ ހަމައެކަނި ބިލަށް އަރާވަރު ކަރުދާސް ކޮޅެއްގައި ޖަހައިގެން ގެނައުމަކީ ބިލަށް މަކަރު ހެދުމަށް ވިޔަފާރިތަކަށް ލިބޭ ފުރުސަތެވެ. އެތައް ފައިސާއެއް ނުހައްގުން ކަސްޓަމަރުންގެ އަތުން އަތުލުމަށް ހަދާ މަކަރެކެވެ. ބިލުގެ ތަފްސީލް ރަސީދަކާއެކީ ހަދާނަމަ ބިލަށް މަކަރު ހެދުން ކުޑަކުރެވޭނެ އެވެ. އެހެން ކަމުން ހިދުމަތް ހޯދާއިރު ރަސީދު ހޯދުމަކީ މުހިންމު ކަމެކެވެ.

ރަސީދު ނުދީ އެއަށް މަކަރު ހަދާއިރު ރަސީދު ދޭއިރު ވެސް މަކަރު ހަދާކަން ފާހަގަކުރެ އެވެ. މީރާގެ ޑިރެކްޓާ ޖެނެރަލް އޮފް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވި ގޮތުގައި ބައެއް ވިޔަފާރިތަކުން ދޫކުރާ ރަސީދުތަކުގައި ސައްހަ މައުލޫމާތު ނުހުރުމާއި ކޮންތަނަކުން ދީފައިވާ ރަސީދެއްކަން ނޭނގޭ ގޮތަށް ބިލް ހަދާފައި ހުރުމަކީވެސް ފާހަގަކުރެވޭ ކަމެކެވެ.

"ބިލެއް ހަދާފައި އިންނައިރު ބިލުގައި ރަނގަޅަށް ޖީއެސްޓީ އަދަދު ހިމަނާފައި އިންނަކަން ނުވަތަ ނޫންކަން އެނގެންނެތުން. އަދި އެއީ އެތަނަކުން ދޫކުރާ ބިލެއްކަން ވެސް ބައެއް ފަހަރު އެނގެން ނުހުރޭ. ހަމަ ގަނޑުކޮޅެއްގައި ލިޔެލާފައި މިދެނީ. ބިލެއް ކަމެއް ވެސް ނޭނގެ ބައެއް ފަހަރު، ހަމައެކަނި އަދަދެއް ޖަހާލާފައި މިދެނީ،" ފަތުހުއްﷲ ވިދާޅުވި އެވެ.

ރަސީދު ދިނުމަށާއި އެކަންކަމަށް ހޭލުންތެރި ކުރުމަށް މީރާ އިން މިހާރު ވަނީ ކެމްޕެއިނެއް ވެސް ފަށައިފަ އެވެ. މީރާ އިން ފަށާފައިވާ އެ ކެމްޕޭނަކީ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ ރަސީދު ހޯދުމުގެ އާދަ އާންމުންގެ ކިބައިގައި އަށަ ގެންނެވުމާއި ވިޔަފާރިވެރިން ރަސީދު ދޫކުރުމަށް ބާރުއެޅުވުމުގެ ބޭނުމުގައި ފަށާފައިވާ ކެމްޕޭނެކެވެ. މި އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ އެ ކެމްޕެއިންގައި ބައިވެރިންގެ މެދުގައި ކޮންމެ މަހަކު ނަސީބުވެރިއެއް ހޮވައި އެ ފަރާތަކަށް 3000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީރާ އިން ބުންޏެވެ. އަދި މި ކެމްޕޭނުގެ ބައިވެރިންގެ ތެރެއިން އެންމެ ގިނަ ރަސީދުގެ ފޮޓޯ ފޮނުވާ ފަރާތަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން މައުލޫމާތުދޭ ގޮތުގައި ވިޔަފާރިތަކުގެ ރެކޯޑް ބެލެހެއްޓުމަކީ ލާޒިމް ކަމަކަށްވާ އިރު ރަސީދު ހެދުމަކީ އޭގެ ތެރެއިން އެއް ކަމެވެ. އެކަން ނުކުރާ ވިޔަފާރިތައް ފާހަގަ ކުރެވެމުން އެފަރާތްތައް ޖޫރިމަނާ ކުރަމުންދާ ކަމަށް ވެސް މީރާ އިން ބުނެ އެވެ. އެހެން ކަމުން ރަސީދަށް މަކަރު ހެދުން ހުއްޓުވުމަށް އުސޫލަށް އަމަލު ނުކުރާ ވިޔަފާރިތަކުގެ މައުލޫމާތު މީރާއާއި ހިއްސާ ކުރެވެން އެބަޖެހެ އެވެ.

ވިޔަފާރީގެ މުއާމަލާތުގެ ތަފްސީލާ އެކު ރަސީދު ދޭންޖެހުނު ނަމަވެސް ރަސީދު ނުދޭ މައްސަލަ މި ވަނީ ބޮޑު މައްސަލައަކަށްވެފަ އެވެ. އަދި ރަސީދުދޭ ތަންތަނުން ވެސް ރަސީދުގައި އެ ހިދުމަތުގެ ތަފްސީލް އެނގެން ނެތުމަކީ ހިނގަމުން އަންނަ ކަމެކެވެ. އޭގެ ނަތީޖާއަކަށް ވެފައި މި ވަނީ ބިލަށް މަކަރު ހެދުމެވެ. ބިލަށް މަކަރު ހެދުން ހުއްޓުމަށް ރަސީދު ހޯދަން އެބަޖެހެ އެވެ.