12 Sep 2015, 21:02
ދުނިޔޭގެ ޓުއަރިޒަމް ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ރާއްޖޭގައި ފެށުމުގެ ގޮތުން "ކީޕް ކާމް އެންޑް ރައިޑް އަ ބައިކް"ގެ ނަމުގައި ބައިސިކަލް ބުރެއް މާލޭގައި ބާއްވައިފި އެވެ.
ޓޫއަރިޒަމް މިނިސްޓްރީ އާއި ޔޫއެންޑީޕީގެ "ދަ ޓުއަރިޒަމް އެޑެޕްޓޭޝާން ޕްރޮޖެކްޓް" (ޓީއޭޕީ)ގެ ދަށުން މިއަދު ކުރިއަށް ގެންދިޔަ ބައިސިކަލް ބުރުގައި ގިނަ ބަޔަކު ބައިވެރިވި އެވެ.
ސޯޝަލް ސެންޓަރު ސަރަހައްދުން ފެށި ދުއްވާލުން ނިންމާލާފައި ވަނީ ރާޅުގަނޑު ސަރަހައްދުންނެވެ. ބައިސިކަލު ދުއްވާލުން ނިންމާލުމަށްފަހު ބައިކް މޯލްޑިވްސްގެ ފަރާތުން ވަނީ ބައިސިކަލު ބޭނުން ކޮށްގެން ކުދި ސްޓަންޓް ޖައްސާ ބައެއް ޒުވާނުންގެ ހުނަރު ދައްކާލާފަ އެވެ.
ދުނިޔޭގެ ޓުއަރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތް ތަކުން މިއަދުގެ ބައިސިކަލް ހަވީރުގެ ތެރެއިން: ބައިކް މޯލްޑިވްސްގެ ފަރާތުން ބައިސިކަލު ދުއްވާލުމުގެ ހުނަރުތައް ދައްކާލަނީ -- ސަންފޮޓޯ: އަލީ ނަސީރު
މިއަދު ހަވީރު ކުރިއަށް ގެންދިޔަ ބައިސިކަލު ދުއްވާލުމުގެ އިވެންޓު ބޭއްވުމުގެ ބޭނުމަކީ ތިމާވެއްޓާއި ޓުއަރިޒަމަކީ ގުޅިލާމެހިފައިވާ ކަމެއްކަން އަންގައި އާންމުން ހޭލުންތެރި ކުރުން ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ.
ދުނިޔޭގެ ޓުއަރިޒަމް ދުވަސް ފާހަގަ ކުރމުގެ ގޮތުން ހިންގާ ހަރަކާތް ތަކުގެ ތެރެއިން މިއަދު ކުރިއަށްދިޔަ ބައިސިކަލް ހަވީރު ފެށުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އަލީ ނަސީރު
މިއަދުގެ އިވެންޓް ފެށުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވީ ދަތުރުފަތުރު ކުރުމުގައި އެންމެ ތިމާވެއްޓަށް އެދެވިގެންވާ ގޮތަކީ ބައިސިކަލު ބޭނުން ކުރުން ކަމަށެވެ.
ބައިސިކަލު ދުއްވުމުގެ ސަބަބުން ތިމާވެއްޓަށްވާ ގެއްލުން ކުޑަކޮށްދޭއިރު ވެސް ރާއްޖޭގައި ބައިސިކަލު ފަދަ ތަކެތި ޕާކު ކުރުމަށް ސަރަހައްދުތައް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ތާރިގު ވިދާޅުވީ، ގިނަ ބަޔަކު ބޭނުން ވެފައިވާ ހިދުމަތަކާ ގުޅިގެން މާލޭގައި ބައިސިކަލް ޕާކު ކުރުމަށް ހާއްސަ ސަރަހައްދުތަކެއް ގާއިމު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
"މާލޭގައި ބައިސިކަލު ޕާކު ކުރުމަށް ހާއްސަ ސަރަހައްދުތަކެއް ނެތުމަކީ ވަރަށް އުނދަގުވާ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން. އަޅުގަނޑުމެންނަށް ފެނޭ ސައިކަލާއި ބައިސިކަލު ޕާކު ކުރުމަށް ހާއްސަ ސަރަހައްދު ހަދާ ތަން. އެހެން ކަމުން ސަރުކާރުން އަންނަނީ މާލޭގައި ބައިސިކަލު ޕާކު ކުރުމަށް ހާއްސަ ސަރަހައްދުތަކެއް ހެދުން. ކައިރިއަށް އޮތް މުސްތަގުބަލުގައި އެސަރަހައްދުތައް ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.