ޕެރިސް : ލީބިޔާގެ މަތިން އުދުހުން މަނާކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރާ ޚިލާފަށް ގައްޒާފީގެ ވައިގެ ބާރުތަކުން ބޮމުގެ ޙަމަލާތައް ދެމުން ގެންދާތީ ގައްޒާފީއާ ދެކޮޅަށް ޢަސްކަރީ އަވަސް ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ހުޅަނގުގެ ޤައުމުތަކުން ދީފިއެވެ.

އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި އެމެރިކާއިން މިއަދު ބުނީ އދ. ގެ ޤަރާރާއެއްގޮތަށް ޙަމަލާތައް ހުއްޓާލުމުގައި ގައްޒާފީ ނާކާމިޔާބުވެފައިވާތީ ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ވައިގެ ޙަމަލާތައް ދިނުމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމުގައެވެ.

އދ. ގެ ޤަރާރު ޤަބޫލުކުރާ ކަމަށް ގައްޒާފީގެ ސަރުކާރުން ބުނިނަމަވެސް ގައްޒާފީގެ ބާރުތަކުން އިއްޔެވެސްވަނީ އިދިކޮޅު ފަރާތްތަކުގެ އަތްދަށުގައިވާ ރަށްތައް އަތުލުމަށްޓަކައި އެރަށްރަށަށް ވައިގެ ވަރުގަދަ ޙަމަލާތަކެއްދީފައެވެ.

ގައްޒާފީގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ލިބިޔާގެ އިދިކޮޅު ފަރާތްތަކުން ބުނަނީ ޙަމަލާތައް ހުއްޓާލިކަމަށްބުނެ ގައްޒާފީ، ބައިނަލްއަޤްވާމީ މުޖްތަމަޢަށް އޮޅުވާލައި މަކަރު ހައްދަވަމުން ގެންދާކަމުގައެވެ.
ލީބިޔާގެ މަތިން އުދުހުން މަނާސަރަޙައްދެއް ޤާއިމްކުރުމުގެ ޤަރާރު، ބާރު ބޭނުންކޮށްގެން ތަންފީޒު ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި ނޭޓޯ އިންވަނީ މިއަދު ކުއްލި ބައްދަލުވުމެއް ބާއްވާނެކަން ހާމަކޮށްފައެވެ.
ޔޫރަޕްގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން ޖަރުމަނު ފިޔަވައި އެހެންޤައުމުތަކުންވަނީ ގައްޒާފީއާ ދެކޮޅަށް ވައިގެ ބާރުބޭނުންކުރުމުގައި ޢަމަލީގޮތުން ބައިވެރިވާނެކަން ހާމަކޮށްފައެވެ. ޔޫރަޕްގެ އިތުރުން ކެނެޑާއާއި ޢަރަބި ދެޤައުމަކުންވެސްވަނީ ގައްޒާފީއާ ދެކޮޅަށް ހުޅަނގުން އަޅާ ވައިގެ ފިޔަވަޅުތަކުގައި ބައިވެރިވާނެކަން ހާމަކޮށްފައެވެ.

ޚަބަރުތައް ބުނާގޮތުން ލީބިޔާއާ ދެކޮޅަށް ވައިގެ މަގުން ޙަމަލާތައް ދިނުމަށް ބޭނުންކުރާނެ ޢަސްކަރީ މަތިންދާބޯޓުތައް މިހާރު ގެންދަނީ އިޓަލީއާއި ފަރަންސޭސިވިލާތުގެ ވައިގެ ބޭސްތަކަށް ޖަމާކުރަމުންނެވެ. އެހެންކަމުން ލަސްވެގެން މާދަމާގެ ވަގުތެއްގައި ގައްޒާފީގެ ބާރުތަކަށް އަމާޒުކޮށް ހުޅަނގުން ވައިގެ ޙަމަލާތަކެއް ދިނުމުގެ ފުރްސަތު ވަރަށް ބޮޑުކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. -- އަލްޖަޒީރާ