ސީރިއާ ގައި ކުރަމުންދާ ހަނގުރާމާގައި ގާތްގަނޑަކަށް 100 ދިވެހީން ބައިވެރިވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ސީއެންއެންގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދު އަދީބު ލިޔުއްވި ލިޔުމެއްގައި ވަނީ ދިވެހި ޒުވާނުން ހަނގުރާމަކުރުމަށް އެހެންގައުމުތަކަށް ދިއުމަކީ ރާއްޖެ އަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަަށެވެ.

ސީރިއާ އާއި އިރާގުގައި ކުރިއަށްދާ ހަނގުރާމައިގައި ފަސް ދިވެހީން މަރުވެފައިވާ ކަަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރީގެ ރައީސްއާ ގުޅޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުމަށް ވުރެ މާފުޅާ. މިއީ މުޅި ދުނިޔެއަށް އަށް ވެސް ދިމާވެފައިވާ މައްސަލަތައް ހަމައެކަނި މި ކުޑަ ގައުމަށް ދިމާވެފައިވާ މައްސަލައެއް ނޫން،" އަދީބު ވިދާޅުވި އެވެ.

މި ހަފްތާތެރޭގައި ވެސް، ސީރިއާގައި ހަނގުރާމަ ކުރަމުންދާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުމަށް ސީރިއާ ބޯޑަރު ހުރަސްކުރަން އުޅުނު ދިވެހި އާއިލާއެއް ތުރުކީން ރާއްޖެ އަށް ފޮނުވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ފަގީރު ޒުވާނުން ނުވަތަ ވަޒީފާ ނެތިފަ ތިބޭ ޒުވާނުން ހަނގުރާމައަށް ފޮނުވުމަށް ބަޔަކު މަސައްކަތްކުރާ ކަަމަށް އަދީބު ވިދާޅުވިއެވެ.

ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރާ ބައިނަލްއަގުވާމީ މަސައްކަތްތައްް ވާންޖެހޭނީ އެއްބައިވަންތަ އަދި ފުރިަހަމައަށް ވިލަރެސްކޮށްގެން ކުރާ މަސައްކަތަކަށް ކަމަށާއި އެކަމުގައި ރާއްޖޭން އަދާކުރަންޖެހޭ ދައުރު އަދާކުރަން ތައްޔާރަށް އޮތް ކަމަށް އަދީބު ވިދާޅުވި އެވެ.

ރާއްޖޭގައި ކުރިއަރަމުން އަންނަ ޑިމޮކްރަސީ އަށް ދިމާވާ ގޮންޖެހުންތަކާއި އިސްލާމީ ހަގުރާމަވެރިންގެ ސަބަބުން ގައުމީ ސަލާމަތަށް ދިމާވާ ގޮންޖެހުންތަކާ ރާއްޖެ ކުރިމަތިލާނެގޮތެއް ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް 50 އަހަރު ބައްޓަންވެގެންދާނީ މި ގޮންޖެހުންތަކާއި އަޅުގަނޑުމެން ކުރިމަތިލާގޮތަކުން،" ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ގްލޯބަލް ޑިވެލޮޕްމެންޓް އިންޑެކްސް އަށް ބަލާއިރު ސައުތުއޭޝިއާގެ އެއްވަނަ ގައުމަކީ ރާއްޖެ ކަަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ތަރައްގީއަށްޓަކައި އަދި ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން އަދީބު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދުގެ މައިބަދަ އަަކީ ފަތުރުވެރިކަން ކަމަށް ވިދާޅުވެ ނައިބުރައީސް ވަނީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޝުކުރު ދަންނަވާފައެވެ.