މާލޭގެ ހުޅަނގު ފަރާތުގައި އާޓިފިޝަލް ބީޗެއް ހެދުމުގެ ކުރިން ބަލަން ޖެހޭ ހުރިހާ ކަމެއް ވަނީ ބަލާފައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަލަށް ހަދާ އާޓިފިޝަލް ބީޗުގެ ސަބަބުން އެ ސަރަހައްދަށް ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތައް ވާނެ ކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިއްޔެ ނެރުނު އީއައިއޭ ރިޕޯޓަކުން ވަނީ ހާމަވެފައެވެ.

އެ ރިޕޯޓަށް ރައްދު ދެއްވައި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާޓިފިޝަލް ބީޗުގެ ޕްރޮޖެކްޓް ފެށުމުގެ ކުރިން ދިމާވެދާނެ ހުރިހާ މައްސަލަތަކެއް އެޑްރެސްކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ތިމާވެއްޓާ ގުޅޭ ކަމެއްކަމުގައި ވިޔަސް އެކަންތައްވެސް އޮންނާނީ ބަލާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަލަށް ހަދާ އާޓިފިޝަލް ބީޗު ސަރަހައްދުގެ ތިމާވެށި ދެނެގަތުމަށް ތަހުގީގުތަކަށް ބިނާކޮށް އީޕީއޭ އިން އިއްޔެ އާންމުކުރި އެ ރިޕޯޓުގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

އީއައިއޭ ހަދަން އެ ސަރަހައްދުން ނެގި ފެނުގެ ސާމްޕަލް ތަހްލީލްކުރި އިރު އެ ފެނުގައި ނަޖިހުގެ އަސަރު ހުރި ކަމަށް ވަނީ ދައްކައިފަ އެވެ.

ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް

  • އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލުއައުން

  • ކޮންސްޓްރަކްޝަން މަރުހަލާ އަދި އެއަށްފަހު ވެސް އެ ސަރަހައްދުގައި އުފެދޭ ކުނި އިތުރުވުން
  • މަސައްކަތް ކުރަމުންދާ އިރު ކައިރީ ސްކޫލު އަދި ހޮސްޕިޓަލަށް އަޑު ގަދަވުން
  • އެސަރަހައްދުގެ ފެން ރަނގަޅަށް ދައުރުނުވެ ފެން ތަގައްޔަރުވުން
  • ފަރަށް ގެއްލުން ވުން
  • އެ ސަރަހައްދު ބޭނުންކުރާ އާންމުންނަށް ސޭފްޓީ އިޝޫސް ދިމާވުން

ސަރަހައްދު އާންމުންނަށް ހުޅުވާލާއިރު ފުރިހަމަކުރަން ޖެހޭ ކަންކަން

  • ޑިއުޓީ ބަހައިގެން އަބަދުވެސް ލައިފް ގާޑުން ތިބުން

  • ކުޑަކުދިން މޫދަށް އެރުމަށް ވަކި ސަރަހައްދެއް ހާއްސަކުރުން
  • މަދުވެގެން ދުވާލަކު އެއްފަހަރު ގޮނޑުދޮށް ސާފުކުރުން
  • މޫދު ސަރަހައްދުގައި ފެން ރަނގަޅަށް ދައުރު ނުވާ ނަމަ ބޭރު ތޮށި ޑިޒައިނަށް ބަދަލު ގެނައުން
  • ވިއްސާރަ ދުވަސްވަރު މަގުމަތީގައި އުފެދޭފެން އެސަރަހައްދަށް ޖަމާ ނުވާނެކަން ކަށަވަރު ކުރުން