އިއްޔެ ހަވީރު މައްކާއަށް މޫސުމް ގޯސްވެ ހަރަމްފުޅު ތެރެއަށް ބިޔަ ކްރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާ ތަހުގީގު ކުރުމަށް މައްކާގެ ގަވަރްނަރު އަމީރު ހާލިދް އަލް ފައިސަލް ގޮވާލައްވައިފި އެވެ.

ކްރޭން ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 107 ހައްޖާޖީއަކު މަރުވެ 283 މީހަކު ވަނީ ޒަހަމްވެފަ އެވެ. އަދި މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވެސް ސައުދީއިން މައުލޫމާތުދެ އެވެ.

ސައުދީ ސަރުކާރުން މިހާތަނަށް ބެލި ބެލުމުން ކްރޭން ވެއްޓިފައި ވަނީ މޫސުން ގޯސްވެ އައި ގަދަވަޔާއި އެކު ކަމަށް ސައުދީގެ ސިވިލް ޑިފެންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ސުލައިމާން އަލް އަމްރު ވަނީ ވިދާޅުވެފަ އެވެ.

"އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި އައި ގަދަ ވިއްސާރައިގައި ބައެއް ގަސްތައް ބިމާ ހަމަވެ ޕެނަލްތައް ވެއްޓި ކްރޭން ވެއްޓުމަށް ދިމާވީ،" ސުލައިމާން އަލް އަމްރު ވިދާޅުވި އެވެ.

ނަމަވެސް އެ ހާދިސާ އިތުރަށް ތަހުގީގުކުރުމަށް މައްކާގެ ގަވަރުނަރު ހާލިދް އަލް ފައިސަލް ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ.

ކްރޭން ވެއްޓި އެތަކެއް ހައްޖާޖީންނެއް މަރުވި ހިތާމަވެރި ހާދިސާ ހިނގާފައި މި ވަނީ، މިހާތަނަށް ހަރަމްފުޅު ބޮޑުކުރުމަށް ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއު ނިމުމާ ގާތްވެފައި ވަނިކޮށެވެ. މި މަޝްރޫއު ނިމޭއިރު 400،000 އަކަމީޓަރުގެ ޖާގައެއް ހަރަމްފުޅަށް އިތުރުވެގެންދާނެ އެވެ. އެގޮތުން މި މަސައްކަތް ނިމުމުން ހަރަމްފުޅަށް ގާތްގަނޑަކަށް 2.2 މިލިއަން މީހުންނަށް އެއް ފަހަރާ ޖަމާވެވޭނެ އެވެ.

ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއާ ހަވާލުވެފައިވާ ސައުދީ، ބިންލާދިން ގްރޫޕުން ބުނެފައި ވަނީ، އެ ހާދިސާ ހިނގާފައި ވަނީ، ހަރަމްފުޅުގައި އެ ގްރޫޕުން ކުރިއަށް ގެންދިޔަ މަސައްކަތްތައް ނިންމާލާފައި ވަނިކޮށް ކަމަށެވެ. އެގޮތުން އެންމެ ފަހުން އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.