ގާހިރާ (ސެޕްޓެމްބަރު 12) : މިސްރުގެ ބޮޑުވަޒީރު އިބްރާހީމް މަހްލަބް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އައު ސަރުކާރެއް އެކުލަވާލުމުގެ ކަންތައް، ރައީސް އަބްދުލްފައްތާޙް އައްސީސީ ، އެގައުމުގެ ތެލާބެހޭ ވަޒީރު ޝަރީފް އިސްމާއީލް އާ ހަވާލުކުރައްވައިފިއެވެ.

ޝަރީފް އިސްމާއީލްއަކީ އިންޖިނޭރުކަމުގެ ރޮނގުން މަތީ ތައްލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިސްރުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބޮޑުވަޒީރު އިބްރާހީމް މަހްލަބްގެ އިސްތިއުފާ، ރައީސް އަބްދުލްފައްތާޙް އައްސީސީ ގަބޫލުކުރެއްވިކަމާއި އައު ސަރުކާރެއް އެކުލަވާލުމުގެ ކަންތައް، ތެލާބެހޭ ވަޒީރު ޝަރީފް އިސްމާއީލް އާ ހަވާލުކުރެއްވިކަމަށް ބުނެފައިވެއެވެ. ނަމަވެސް މަހްލަބް އިސްތިއުފާ ދެއްވި ސަބަބެއް ބަޔާން ކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން މަހުލަބް އިސްތިއުފާ ދެއްވީ ރައީސް ސީސީ އެކަމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.

މިސްރަކީ ޑިމޮކްރެޓިކް ނިޒާމަށް ހިނގާ ގައުމަކަށް ނުވެފައި މިސްރުގައި އޮންނަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމް އެއްކޮށްލާފައިވާ މަސްހުނި ނިޒާމަކަށްވާތީ މިސްރުގެ ބޮޑުވަޒީރަކީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ކަމެއް އަންގަވާ ގޮތަކަށް ކުރައްވަން ހުންނަވާ ބޭފުޅެކެވެ. މަހްލަބް އިސްތިއުފާ ދެއްވާފައިމިވަނީ އޭނާގެ ސަރުކާރުގެ ދަނޑުވެރިކަމާބެހޭ ވަޒީރު ސަލާޙް ހިލާލު، ކޮރަޕްޝަންގެ މައްސަލާގައި ހައްޔަރުކުރިތާ ހަތަރުވަރަކަށް ދުވަސްފަހުންނެވެ. މިސްރުގެ ސަރުކާރުގެ ހުރިހާ ދާއިރާތަކެއްގައި ކޮރަޕްޝަން އާދަޔާ ޚިލާފަށް އަށަގެންފައިވާއިރު މިކަމުގެ ތުހުމަތުގައި ވަރަށް ނިކަމެތި ގޮތަކަށް ދަނޑުވެރިކަމާބެހޭ ވަޒީރު ސަލާޙް ހިލާލު ހައްޔަރު ކުރުމަކީ ސީސީގެ ވެރިކަމުގެ ނިޒާމުން ކޮރަޕްޝަނާ ހަނގުރާމަ ކުރާކަން ދެއްކުމުގެ ބޭނުމުގައި ކުރިކަމެއްކަމަށްވަނީ ބެލެވިފައެވެ.

ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ މިސްރުގެ ގިނަ މަސްއޫލުވެރިންނަކީ ސީސީ އާ ވަރަށް އަރިސް ބޭފުޅުން ކަމަށްވިޔަސް އެއިން އެއްވެސް ބޭފުޅަކު ހައްޔަރުނުކޮށް ދަނޑުވެރިކަމާބެހޭ ވަޒީރު ހައްޔަރުކުރުމުން ކޮޜަޕްޝަނުގެ މައްސަލާގައި ސީސީ ގެންގުޅުއްވާ ސިޔާސަތާމެދު ވަނީ ސުވާލު އުފެދިފައެވެ. މަގާމުން އިސްތިއުފާ ދެއްވި މިސްރުގެ ބޮޑުވަޒީރު އިބްރާހީމް މަހްލަބް މަގާމާ ހަވާލުވެ ވަޑައިގެންނެވީ މިސްރުގެ ކުރީގެ ވަގުތީ ރައީސް އަދްލީ މަންސޫރުގެ ވެރިކަމުގައި 20114 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. (އަލްޖަޒީރާ)