ހއ. ކެލާގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓު ގުނުމުގެ ކަންތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނޫ އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައި އެ އިންތިހާބު ބާތިލްކޮށް، 30 ދުވަހުގެ ތެރޭގައި އެ ރަށުގައި އަލުން އިންތިހާބު ބޭއްވުމަށް އިލެކްޝަންސްގެ މައްޗަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކެލާ އިންތިހާބު މައްސަލައިގައި ހުކުމް ކުރައްވަމުން ފަނޑިޔާރު އަބްދުﷲ ހަމީދު މިއަދ ވިދާޅުވީ ކޮންމެ ވޯޓެއް ނަގައި ނިމުމާ އެކު އެ މަރުކަޒެއްގައި ވޯޓު ގުނައި އެ މަރުކަޒެއްގައި ނަތީޖާ އިއުލާން ކުރަންވާނެ ކަމަށް ގާނޫނު އަސާސީގެ 171 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ކެލާ ރަށު ކައުންސިލަށާއި ހއ. އަތޮޅުގެ ކެލާ ދާއިރާގެ ވޯޓު ލުމަށް އެ ރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ގުނައި، ވަގުތީ ނަތީޖާ އިއުލާންކޮށްފައި ވަނީ ހދ. ހަނިމާދޫގައި ކަމަށް އިލެކްޝަންސްގެ އިއުތިރާފުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލްވާނެ ކަމަށް ގާނޫނު އަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބާތިލް ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ނަތީޖާއަކީ ވެސް ބާތިލް ނަތީޖާއަކަށް ވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން ކެލާ ރަށު ކައުންސިލަށާއި ހއ. އަތޮޅު ކައުންސިލުގެ ކެލާ ދާއިރާގެ ވޯޓުލުމަށް ބާއްވާފައިވާ އިންތިހާބަކީ ބާތިލް އިންތިހާބެއް ކަމަށް ފަނޑިޔާރު ކަނޑައެޅުއްވި އެވެ.

"...ލޯކަލް ކައުންސިލް އިންތިހާބު 2011 ގެ ހއ. ކެލާ ދާއިރާގެ ހއ. ކެލާ ރަށު ކައުންސިލަށާއި ހއ. ކެލާ ދާއިރާގެ އަތޮޅު ކައުންސިލަށް ވޯޓުލުމަށް ޓަކައި ހއ. ކެލާގައި ބޭއްވުނު އިންތިހާބަކީ ބާތިލު އިންތިހާބެއް ކަމަށް މި މައްސަލަ ދިވެހި ރާއްޖޭގެ ހައި ކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފިން،" ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން ފަނޑިޔާރު އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރެއްވީ ކެލާގެ އިންތިހާބު ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބޭއްވުމަށެވެ. އަދި އެ އިންތިހާބު ގާނޫނު އަސާސީގެ 170 ވަނަ މާއްދާ އާއި 171 ވަނަ މާއްދާއާ ހިލާފު ނުވާނެ ގޮތަކަށް ބޭއްވުމަށް ވެސް ހައި ކޯޓުން އަމުރު ކުރި އެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ އިންތިހާބުގެ އެންމެހައި ކަންކަމުގައި އެއްބާރުލުން ދިނުމަށް ދައުލަތުގެ ކަމާ ބެހޭ ސަލާމަތީ ބާރުތަކަށް ފަނޑިޔާރު އަމުރުކުރެއްވި އެވެ.