އަލަށް އާޓިފިޝިއަލް ބީޗެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ މާފަންނުކޮޅުގައި ހިންގާ އެ ޕްރޮޖެކްޓުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށާއި އެގޮތުން އެ ސަރަހައްދުގައި ފެން ރަނގަޅަށް ދައުރު ނުވެ ފެން ތަޣައްޔަރުވާނެ ކަމަށް އީއައިއޭ ރިޕޯޓުން ދައްކައިފި އެވެ.

އަލަށް ހަދާ އާޓިފިޝަލް ބީޗު ސަރަހައްދުގެ ތިމާވެށި ދެނެގަތުމަށް ތަހުގީގުތަކަށް ބިނާކޮށް އީޕީއޭ އިން އިއްޔެ އާންމު ކުރި ރިޕޯޓަކީ ހައުސިން މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

އީއައިއޭ ހަދަން އެ ސަރަހައްދުން ނެގި ފެނުގެ ސާމްޕަލް ތަހްލީލްކުރި އިރު އެ ފެނުގައި ނަޖިހުގެ އަސަރު ހުރި ކަމަށް ވަނީ ދައްކައިފަ އެވެ.

ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް

  • އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލުއައުން
  • ކޮންސްޓްރަކްޝަން މަރުހަލާ އަދި އެއަށްފަހު ވެސް އެ ސަރަހައްދުގައި އުފެދޭ ކުނި އިތުރުވުން
  • މަސައްކަތް ކުރަމުންދާ އިރު ކައިރީ ސްކޫލު އަދި ހޮސްޕިޓަލަށް އަޑު ގަދަވުން
  • އެސަރަހައްދުގެ ފެން ރަނގަޅަށް ދައުރުނުވެ ފެން ތަގައްޔަރުވުން
  • ފަރަށް ގެއްލުން ވުން
  • އެ ސަރަހައްދު ބޭނުންކުރާ އާންމުންނަށް ސޭފްޓީ އިޝޫސް ދިމާވުން

މާފަންނުގައި ހަދާ އާޓިފިޝަލް ބީޗުގެ ސަބަބުން ތިމާވެއްޓަށް ދިމާވެދާނެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރިއަށްދާ އިރު ގިނަ ކަންތައްތަކެއް ކުރުމަށް އީއައިއޭ ރިޕޯޓުގައި ވަނީ އެދިފަ އެވެ.

ސީވޯލް ނެގުމުގެ މަސައްކަތް ކުޑަ ދިޔައިގައި އަދި މޫސުން ގޯސްނޫން ދުވަސްވަރެއްގައި ކުރުމަށާއި، ބޭރު ތޮށި އެއްކޮށް ހަދައި ނިމިމުން ސީވޯލް ނެގުމުގެ މަސައްކަތް ކުރުމަށާއި ބޭރު ތޮށި އެއްކޮށް ހަދައި ނިމުމުން ގޮނޑުދޮށަށް ވެލިއެޅުމުގެ މަސައްކަތް ކުރުމަށާއި އުފެދޭ ކުނި ވަގުތުން ސައިޓަށް ޖަމާކޮށް ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރުމަށް ވެސް ރިޕޯޓުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން އެ ސަރަހައްދު އާންމުންނަށް ހުޅުވާލާއިރު ވެސް ޑިއުޓީބަހައިގެން އަބަދު ވެސް ލައިފް ގާޑުން ތިބުމަށާއި ކުޑަކުދިން މޫދަށް އެރުމަށް ވަކި ސަރަހެއްދެއް ހާއްސަކުރުމަށް ވެސް އީއައިއޭ ރިޕޯޓުގައި އިލްތިމާސްކޮށްފައިވެ އެވެ.

ސަރަހައްދު އާންމުންނަށް ހުޅުވާލާއިރު ފުރިހަމަކުރަން ޖެހޭ ކަންކަން

  • ޑިއުޓީ ބަހައިގެން އަބަދުވެސް ލައިފް ގާޑުން ތިބުން
  • ކުޑަކުދިން މޫދަށް އެރުމަށް ވަކި ސަރަހައްދެއް ހާއްސަކުރުން
  • މަދުވެގެން ދުވާލަކު އެއްފަހަރު ގޮނޑުދޮށް ސާފުކުރުން
  • މޫދު ސަރަހައްދުގައި ފެން ރަނގަޅަށް ދައުރު ނުވާ ނަމަ ބޭރު ތޮށި ޑިޒައިނަށް ބަދަލު ގެނައުން
  • ވިއްސާރަ ދުވަސްވަރު މަގުމަތީގައި އުފެދޭފެން އެސަރަހައްދަށް ޖަމާ ނުވާނެކަން ކަށަވަރު ކުރުން

ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ކުޑަކުރުމަށް އެކުލަވާލި އެ ރިޕޯޓުގައިވާ ގޮތަށް އަމަލުކޮށްފި ނަމަ އެ ޕްރޮޖެކްޓަކީ ނަމޫނާ ޕްރޮޖެކްޓަކަށް ވެގެންދާނެ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި އެސަރަހައްދަކީ އިންތިހާއަށް ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަކޮށްލަން ލިބޭ އިތުރު ސަރަހައްދަކަށް ވެގެން ދާނެ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.