12 Sep 2015, 14:30
އިންޑިއާގެ މަދިޔަޕްރަދޭޝްގެ ޖަހަބުއާ ޑިސްޓްރިކްޓްގެ ޕެޓްލްވާޑް ނަމަކަށް ކިޔާ ރަށުގައި އިމާރާތެއްގެ ތެރޭގައި ބަހައްޓާފައި ހުރި އެއްޗެއް ގޮވުމުގެ ސަބަބުން 40 މީހުން މަރުވެ 35 މީހުން ޒަހަމްވެއްޖެ އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ އެ ހާދިސާގައި ހިނގީ ހޮޓަލަކާއި ޖެހިގެން ހުރި ތިންބުރި އިމާރާތެއްގައި ބަހައްޓާފައި ހުރި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން ކަމަށެވެ. ޕެޓްލްވާޑްގެ ސަބްޑިވިޝަނަލް އޮފިސާ އޮފް ޕޮލިސް އޭއާރް ޚާން ވިދާޅުވި ކަމަށް ނޫހުން ބުނީ ގޭސް ފުޅި ގޮވި އިމާރާތުގައިވާ ގުދަނެއްގެ ތެރޭގައި މައިންތަކުގައި ބޭނުންކުރާ ގިނަ އަދަދެއްގެ ގޮވާތަކެތި ހުރި ކަމަށެވެ. ގޮވުންތަކުގެ ސަބަބުން ހަލާކުވި ދެ އިމާރާތުގެ ތެރެއިން ޒަހަމްވެފައިވާ 35 މީހުން ނެރެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އިތުރު މީހުން އެ ދެއިމާރާތުގައި ތާށިވެފައި ތިބެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މަދިޔަޕްރަދޭޝްގެ ސަރުކާރުން ބުނީ އެ ހާދިސާ ވަރަށް ރަނގަޅަށް ތަހުގީގުކުރާނެ ކަމަށެވެ. އަދި އެހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ދެލައްކަ ރުޕީސް އަދި ޒަހަމްވީ ކޮންމެ މީހެއްގެ އާއިލާއަށް 50000 ރުޕީސް ދިނުމަށް ވެސް މަދިޔަޕްރަދޭޝްގެ ސަރަހައްދީ ސަރުކާރުން ވަނީ ނިންމާފަ އެވެ.