(ޖިއްދާ ސެޕްޓެމްބަރު 12) -- މިޑްލް އީސްޓް ރެސްޕަރޭޓަރީ ސިންޑޮރަމް، ކޮރޯނާ ވައިރަސް (މާސް) ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މި އަހަރު ސައުދީއެރެބިޔާގައި ޖަމަލު ކަތިލުން މަނާކޮށްފި އެވެ.

ސައުދީ ޕްރެސް އެޖެންސީއާ ހަވާލާދީ އޭއެފްޕީ އިން މިއަދު ބުނީ މައްކާ އާއި މަދީނާ އަށް ޖަމަލު އެތެރެ ކުރަން ސައުދީގެ ފަތުވާ ކޮމެޓީ އިން މަނާކޮށްފައިވާ ކަމަށެވެ.

މި މަހު 21 ވަނަ ދުވަހު ފާހަގަކުރާ ހައްޖު ދުވަހުގެ އަޅުކަމުގައި ބައިވެރިވުމަށް އެތައް މިލިއަން ބަޔަކު ވަނީ ސައުދީއެރެބިޔާ އަށް ޖަމާވެފަ އެވެ.

ފަތުވާ ކޮމެޓީ އިން ބުނީ މި އަހަރު ގްރުބާން ކުރެވޭނީ ކަންބަޅި އާއި ގެރި ކަމަށެވެ.

ޖަނަވާރު ގްރުބާންކޮށް އެއޭގެ ބޭނުން ޖެހިފައިވާ މީހުންނަށް މަސް ދިނުމަކީ ހައްޖު އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ވޯލްޑް ހެލްތު އޮގްނައިޒޭޝަންގެ ހޯދުންތަކުން އެެނގޭ ގޮތުގައި ޖަމަލު ބަލަހައްޓާ މީހުންނަށް މާސް ރޯގާ ޖެހޭ ނިސްބަތް އިތުރު ކަމަށް ދައްކަ އެވެ.

މާސް ރޯގާ ފެތުރޭ 20 ގައުމުގެ ތެރޭގައި އެންމެ ބޮޑަށް އެ ރޯގާ ފެތުރެނީ ސައުދީ އެރެބިޔާގަ އެވެ.

ސައުދީ ހެލްތު މިނިސްޓްރީ އިން ބުނީ އިއްޔެ ވެސް އެ ރޯގާ ޖެހިފައިވާ ތިން މީހަކު ފެނިފައިވާ ކަމަށެވެ. އަދި ބުނީ އެ ތިން މީހުންނާ އެކު، 2012 ވަނަ އަހަރު އެ ރޯގާ އެ ގައުމުން ފެނުނު ފަހުން މިހާތަނަށް، 1231 މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށެވެ. އަދި 521 މީހަކު މަރުވި އިރު، މިދިޔަ އޯގަސްޓް މަހު އެއް ހަފްތާގެ ތެރޭގައި ވަނީ 19 މީހަކު މަރުވެފަ އެވެ.

މާސް ރޯގާ ޖެހުމުން ހުން އައިސް، ކެއްސައި އަދި ނޭވާ ކުރުވެ އެވެ.