12 Sep 2015, 13:15
މާމުއި ހަނދުގެ ދުވަސްތައް ހޭދަކޮށްލުމަށް ދުނިޔޭގެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް ތަނަކީ ރާއްޖެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޓްއާ އޮޕަރޭޓަރުންނާއި ފަތުރުވެރިކަން އިޝްތިހާރު ކުރާ ނޫސްތަކުން ރާއްޖޭގެ ނަން އަބަދު ފެންނަ އެއް ސަބަބަކީ އެއެވެ.
މަޝްހޫރު ވިޔަފާރި ނޫހެއް ކަމަށްވާ ބިޒްނަސް އިންސައިޑާއިން ވަނީ ރީތި ކަމަށް އެނޫހަށް އެންމެ ފާހަގަކޮށްލެވޭ ރާއްޖޭގެ ރިޒޯޓްތަކެއްގެ ލިސްޓެއް މިދިޔަ ބުދަދުވަހު ޝާއިއުކޮށްފައެވެ.
އެ އަށް ރިޒޯޓަކީ:
ޗެވަލް ބްލޭންކް ރަންދެލި
އެލްވީއެމްއެޗް މޮއޭ ހެނެސީ ލުއި ވޫޓަން ގްރޫޕުން ހިންގާ ރަންދެލީގައި ހުންނަނީ 45 ވިލާއެވެ. ހުޅުލެއިން ސީޕްލޭންގައި 40 މިނެޓުން ދަތުރުކުރެވޭ އެރިޒޯޓް އޮންނަނީ ނ. އަތޮޅުގައެވެ. އެރިޒޯޓްގައިވާ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ވެއެވެ. އަދި އޯވަ ވޯޓާ ޑެކަކާއި ބަގީޗާއެއް ވެސް ވެއެވެ.

ކޮންރާޑް މޯލްޑިވްސް ރަންގަލި
ފާލަމަކުން ދެރަށް ގުޅުވާލައިގެން ބިނާކޮށްފައިވާ ކޮންރާޑް މޯލްޑިވްސް ރަންގަލީގައި 50 ވޯޓާ ވިލާއާއި 79 ބީޗް ވިލާ ހުރެއެވެ. ރަންގަލީގައި ހިމެނޭ ދެރަށުގެ ތެރެއިން ކުޑަރަށް ހާއްސަކޮށްފައި ވަނީ ހަމައެކަނި ކުޑަކުދިންނަށެވެ.

ނަލަދޫ
އެންމެ 20 ކޮޓަރި ހުންނަ ނަލަދޫގައި އެއްފަހަރާ ތިބެވެނީ 50 އަށް ވުރެ މަދު މެހުމާނުންނަށެވެ. އެހެންވެ މި ލިސްޓްގައިވާ ރިޒޯޓްތަކުގެ ތެރެއިން އެންމެ ބޮޑު އަމިއްލަ ޒާތީ މިނިވަންކަމެއް ލިބޭނީ އެރިޒޯޓުންނެވެ.

ވަން އެންޑް އޮންލީ ރީތިރަށް
ރީތިރަށް ރިޒޯޓަކީ ޖާގައިގެ ގޮތުން ތަނަވަށް ޒަމާނީ ވަސީލަތްތަކުން މުއްސަނދިކޮށްފައިވާ ރިޒޯޓެކެވެ. އެތަނުން ލިބޭ ފާހަގަކޮށްލެވޭ ހިދުމަތްތަކުގެ ތެރޭގައި އައުޓްޑޯ ފިޓްނަސް ސެންޓަރުގެ ހިދުމަތާއި އޯވާ ވޯޓާ ޔޯގާ ސެންޓަރު ހިމެނެއެވެ.

ވެލާ ޕްރައިވެޓް އައިލެންޑް
ޗެކް ރިޕަބްލިކްގެ ބިލިޔަނަރަކު ހިންގާ ވެލާގައި ދޭ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި ސީ ބޮބް ނަމަކަށް ކިޔާ ކުދިކުދި ސަބްމެރިން ބޭނުންކޮށްގެން މޫދުގެ އަޑި ބަލައި ލުމުގެ ހިދުމަތް ހިމެނެއެވެ. އެރިޒޯޓްގައިވާ ގޮލްފް އެކަޑަމީއަކީ ވެސް ފާހަގަކޮށްލެވޭ ހިދުމަތެކެވެ.

ޖުމެއިރާ ދެވަނަ ފުށި
ދުބާއީގައި ރިޔަލެއްގެ ބައްޓަމަށް ބިނާކުރި ހޮޓަލާއި އެކު ދުނިޔޭގެ ފަތުރުވެރިކަމުގެ ޗާޓަށް ދުބާއީގެ ނަން ހިމަނައިލި ކުންފުނިން ހިންގަމުން އަންނަ ދެވަނަ ފުށި ރިޒޯޓަކީ ދެރަށުގެ މައްޗަށް އެކުލެވޭ ރިޒޯޓެކެވެ.

އަނަންތަރާ ކިހަވަށް ވިލާސް
އަނަންތަރާ ކިހާވަށް ވިލާސް ގައިވާ 79 ވިލާގެ ތެރެއިން ގިނަ ވިލާތަކަކީ މޫދުގެ ލޮނުގަނޑު މަތީގައިވާ ވިލާތަކެކެވެ. އެތަނުގައިވާ ސްޕާއާއި ސިކްސް ޓްރީޓްމެންޓްސް ސުއިޓްސް ވެސް ބިނާކޮށްފައިވަނީ ލޮނުގަނޑުގެ މަތީގައެވެ.
