19 Mar 2011, 12:29
މިދިޔަ ހުކުރު ދުވަހު ޖަޕާނަށް އައި ބިންހެލުމާއި، ސުނާމީއާ ގުޅިގެން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވާން އިއްޔެ ހެނދުނު ފެށި ޓެލެތޯނަށް އެހީގެ ގޮތުގައި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުގެ އިސް ނެގުމާއެކު ރާއްޖޭގެ ހުރިހާ ޓީވީ ސްޓޭޝަންތަކާއި ބައެއް ރޭޑިއޯ ސްޓޭޝަންތަކުން 36 ގަޑިއިރަށް ކުރިއަށް ގެންދާ "ޖަޕާނާއެކު ދިވެހިން" ޓެލެތޯން އިއްޔެ ހެނދުނު 10:45 އިން ފެށިގެން މިހާރު ވެސް ކުރި އެބަދެ އެވެ.
މި ޓެލެތޯނުގައި މާލެ އާއި އަތޮޅުތަކުގައި ބަހައްޓާފައިވާ ފަންޑު ފޮށިތަކުގެ އިތުރުން އޮންލައިން އަދި އެސްއެމްއެސް މެދުވެރިކޮށް މިހާތަނަށް ހަދިޔާ ކުރި ފައިސާގެ އަދަދު 422678.25ރ އަށް ވަނީ އަރާފަ އެވެ. ފައިސާގެ އިތުރުން އަދި އެހީގެ ގޮތު 3371 ދަޅު ފެލިވަރު މަސް ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
ޖަޕާނާއެކު ދިވެހިންވާކަން އަންގައި ދިނުމަށް ފައިސާ ހޯދަން ފެށި ހަރަކާތްތަކުގެ ތެރޭގައި އިއްޔެ ހަވީރު ވަނީ ހެދިގޮނޑުދޮށުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ. އެ ހަރަކާތް ކުރިއަށްދިޔައިރު ވެސް އެކި ފަރާތްތަކުން ފައިސާ ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ޖަޕާނަށް އެހީވުމަށް އެސްއެމްއެސް މެދުވެރިކޮށް އެހީވުމުގެ ފުރުސަތު މުއާސަލާތީ ހިދުމަތްދޭ، ވަތަނިއްޔާ އާއި ދިރާގުން ވެސް ވަނީ ހުޅުވާލައިފައެވެ.
ޖަޕާނަށް އެހީވުމުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ފަށާފައިވާއިރު ދިވެހި ބޭންކުނ ވެސް ވަނީ ޖަޕާނަށް އެހީވުމަށް ހާއްސަ އެކައުންޓެއް ގާއިމްކޮށް އެ ބޭންކުގެ ކަސްޓަމަރުންނަށް ޚާއްސަކޮށްފައިވާ ލިންކެއް ބޭންކުގެ ވެބްސައިޓްގައި ހިމަނާފައެވެ.
ޖަޕާނަށް އެހީވާން ފައިސާ ހޯދަން ރޭ ލޮނުޒިޔާރަތްކޮޅުގައި މިއުޒިކް ޝޯއެއްވެސް މިއަދު އިރު އަރަންދެން ކުރިއަށްގެންދިޔައެވެ.
ޖަޕާނަށް އެހީވުމަށް ފެށި ޓެލެތޯނަކީ ދިވެހި ކޮންމެ ރައްޔިތަކު މަދުވެގެން ޖަޕާނަށް މަސްދަޅެއް ހަދިޔާކުރުމުގެ މަގުދަދުގައި ފެށި ހަރަކާތެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ "އެންމެ މަސް ދަޅަކީ ވެސް ވަރަށް ބޮޑު އެހީއެއް" ކަމަށެވެ.