12 Sep 2015, 13:19
މެންދުރުގެ ކެއުމަށް ކުޑަ ވަގުތުކޮޅެއް ހޭދަކުރުމަށްވުރެ ގިނަވަގުތު ދޭނަމަ ކުދިންގެ ހަށިގަނޑަށް ބޮޑަށް ފައިދާ ކުރާ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.
އެމެރިކާގެ ޗެން ސުކޫލު އޮފް ޕަބްލިކް ހެލްތުން ހެދި އެ ދިރާސާއިން ދައްކާގޮތުން 20 މިނިޓަށް ވުރެ ކުޑަ ވަގުތުކޮޅެއް މެންދުރުގެ ކެއުމަށް ހޭދަކުރާ ކުދިންނަށް ކެވޭ ވަރު މަދުވެ އެވެ.
ކުދިންގެ ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތަކީ 25 މިނިޓަށްވުރެ މަދުނޫން ވަގުތެއް މެންދުރުގެ ކެއުމަށް ހޭދަކުރުން ކަމަށް އެ ދިރާސާގައި ވަނީ ބުނެފަ އެވެ.
" ސްކޫލުގައި މެންދުރު ކެއުމުގެ ވަގުތު ކުދިންނަށް ހަމަޖެހިލައިގެން މެންދުރު ކާލުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭ،" ދިރާސާގައި ބުނެފައިވެ އެވެ.
ސުކޫލު ކުދިންގެ ތެރެއިން 1001 ކުދިންގެ މެދުގައި ހެދި އެ ދިރާސާއިން ދައްކާގޮތުން މެންދުރު ކެއުމަށް 20 މިނިޓަށް ވުރެ ކުޑަ ވަގުތުކޮޅެއް ހޭދަކުރާ ކުދިންގެ ކާއެއްޗިހިން ބާކީ ކުރަނީ ތަރުކާރީއާއި ކިރު ފަދަ ހަށިގަނޑަށް ފައިދާ ހުރިތަކެއްޗެވެ. އޭގެ ބަދަލުގައި މެދުރު ކާން ގިނައިރު ލިބޭނަމަ ކުދިންނަށް ކާން ދޭ ތަކެތި ހުސްކޮށްލަ އެވެ.
އަދި ކުޑަ ވަގުތުކޮޅެއް ކާން ލިބުމުން ކާތަކެތި އިސްރާފު ކުރާވަރުވެސް ގިނަވާ ކަމަށް އެދިރާސާގައި ވަނީ ބުނެފަ އެވެ.