12 Sep 2015, 13:10
އެމެރިކަން އެކްޓަރު ޕްރޮޑިއުސަރު އަދި މާޝަލް އާޓިސްޓް ވެސްލީ ސްނައިޕްސް އާއެކު ފިލްމެއްގައި މަސައްކަތްކުރަން ކޮންމެ އިރެއްގައިވެސް ތައްޔާރު ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން ބުނެފި އެވެ.
ޝާހް މިހެން ބުނެފައިވަނީ، އޭނާއާއެކު ފިލްމެއްގައި މަސައްކަތްކުރުމަށް އުއްމީދުކުރާ ކަމަށް، "ބްލޭޑް" ސީރީސް ގައި ވެމްޕަޔާ ޝިކާރަކުރާ ސުޕަހީރޯގެ ރޯލް އަދާކުރާ ސްނައިޕްސް އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ.
ސްނައިޕްސް އަށް ޝާހު، 49، ކުރި ޓްވީޓެއްގައި ބުނެފައިވާގޮތުން، އޭނާ އަކީ ސްނައިޕްސްގެ ފޭނެކެވެ. އަދި އޭނާއާއެކު މަސައްކަތްކުރުމަށް ދާންވީ ވަގުތަކާއި ތަނެއް ބުނުމަށް ވެސް ޝާހު ކުރި ޓްވީޓުގައި ބުނެފައިވެ އެވެ.
މުމްބާއީ މިރާއަށް ދިން އިންޓަވިއުއެއްގައި ސްނައިޕްސް ބުނިގޮތުގައި، ބޮލީވުޑްގައި އުޅޭ ހަމައެކަނި ހާނަކީ ޝާހުރުކް ހާނެވެ. އަދި ވަރަށް އަވަހަށް އިންޑިއާއަށް ދިއުމަށް ރާވަމުން އަންނަ ކަމަށާއި އެދަތުރުގައި ޝާހު އާއެކު އެކްޝަން ތްރިލާ ފިލްމެއްގައި އެކްޓުކުރުމަށް ބޭނުންވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އިންޑިއާއަށް ކުރާ ދަތުރުގައި ބޮލީވުޑް ނެށުމުގެ ކްލާހެއްގައި ބައިވެރިވުމަށާއި އިންޑިއާގެ މާޝަލް އާޓްސް ގުރޫއެއް ކައިރިން ސަގާފީ މާޝަލް އާޓްސްއެއް ދަސްކުރުމުގެ އިތުރުން ސަގާފީ ބޭސްވެރިކަމެއް ކަމަށްވާ، އަޔުރުވެޑިކް ދަސްކުރަން ބޭނުންވާ ކަމަށް ވެސް ސްނައިޕްސް ބުނެފައިވެ އެވެ.
ސްނައިޕްސް މިހާރު މަސައްކަތްކުރަމުންދަނީ މިމަހުގެ ތެރޭގައި އެމެރިކާ އަދި އިންޑިއާގައި ދައްކަންފަށަން ނިންމާފައިވާ އެންބީސީގެ ތްރިލިންގް ޑްރާމާ، "ދަ ޕްލޭޔާ" ގައެވެ.
މައުލޫމާތު: އިންޑިއާގެ ނޫސް އެޖެންސީތައް