ރާއްޖެއާ ޗައިނާ ކުޅޭ ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ މެޗެއް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް އެގައުމުގައި ރާއްޖެއިން ކުޅުނު މެޗް ބައްލަވާލުމަށް ޗައިނާއަށް ވަޑައިގެންނެވި އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް ޢަދީލް ޖަލީލް ޗައިނާގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ޒާހަންގ ޖިއަންއާ އެކު ބޭއްވި ބައްދަލުވުމާ ބެހޭގޮތުން ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ، އެބައްދަލުވުމުގައި، މިނިވަން ފަންސާހުގެ ހަރަކާތަށް ދަނޑު ބޭނުން ކުރުމުގެ ސަބަބުން ޗައިނާއާ ދެކޮޅަށް ހޯމްގައި މެޗް ކުޅުމުގެ ފުރުސަތު ގެއްލުމުން ދިވެހިން އެކަމާ ވަރަށް ބޮޑަށް މާޔޫސްވިވާހަކަ ދެންނެވުމުން ޗައިނާއާ ރާއްޖެއާ ކުޅޭ ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއް މާލޭގައި ކުޅޭގޮތަށް ހުށަހެޅުއްވިކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ޗައިނާގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ޖިއަންއަ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ބައްސާމް ވިދާޅުވީ، މެޗް ކުޅޭ ގޮތަށް އޮތީ މުޅިން ފައިނަލް ވެފައިކަމަށާއި އެމެޗް ކުޅޭނީ އަންނަ އަހަރު މާޗް މަހަށް ފަހުގައި ކަމަށެވެ.

ބައްސާމް ވިދާޅުވީ، އެމެޗްގެ ތާރީޚް ކަނޑަ އެޅުމަށްފަހު ޗައިނާގެ ފުޓްބޯލް އެސޯސިއޭޝަނަށް އަންގާނެކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ ޓެކްނިކަލް މީހުން ބިނާކުރުމަށް ޗައިނާގެ ފުޓްބޯލް އެސޯސިއޭޝަނުން އެހީތެރިވެދޭނެ ކަމަށްވެސް ވިދާޅުވެފައިވާކަމަށެވެ.