12 Sep 2015, 11:33
ހޮލީވްޑްގެ މަޝްހޫރު ފިލްމީ ތަރި ޓޮމް ކްރޫޒުގެ އާ ފިލްމް، "މެނާ" ޝޫޓުކުރަން އުޅެނިކޮށް ކުޑަ މަތިންދާ ބޯޓެއް އިއްޔެ ކޮލަމްބިއާ އަށް ވެއްޓި ދެ މީހަކު މަރުވެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ.
ރޮއިޓާސް އިން މިއަދު ބުނީ ބޯޓު ވެއްޓުނު އިރު އެއޭގައި ތިބީ ދެ ޕައިލެޓުންނާއި ކޮލަމްބިއާ މީހެއް ކަމަށެވެ. ނަމަވެސް އެ މީހުންގެ ތެރެއިން މަރުވީ ކޮންބައެއްކަން އަދި ނޭނގޭ ކަމަށް ބުންޏެވެ.
އެ ހާދިސާ ހިނގި އިރު، ބޯޓު ދުއްވުމުގެ ތަމްރީނު ހޯދާފައިވާ، ޓޮމް ކްރޫޒު ބޯޓައި ނެތް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ކޮލަމްބިއާގެ ސިވިލް އޭވިއޭޝަނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ދެ އިންޖީނުލީ ބޯޓު ވެެއްޓުނީ އިއްޔެ ހަވީރު ކަމަށެވެ.
އެ ހާދިސާ ހިނގީ ކީއްވެގެންކަން އަދި ނޭނގޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނަނީ އެ ސަރަހައްދުގެ މޫސުން އިއްޔެ ވަރަށް ގޯސް ކަމަށެވެ.
މެނާއަކީ އެމެރިކާގެ ކުރީގެ ޕައިލެޓަކަށް ކިޔާ ނަމެކެވެ. އަދި އޭނާ އަކީ 1980ގެ އަހަރުތަކުގައި ޑްރަގް ސުމަގުލް ކުރި މީހެއް ކަމަށާއި އަދި ފަހުން އެމެރިކާ ސަރުކާރުގައި މަސައްކަތް ކުރި މީހެއް ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ކުރޫޒުގެ ތަރުޖަމާނުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައި ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.