ޖަޕާނަށް އައި ބިންހެލުމާއި ސުނާމީއާ ގުޅިގެން، ލިބުނު ގެއްލުންތަކުގެ ހިތާމައިގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ، ބައި ދަނޑިއަށް ތިރިކޮށްފައި ބެހެޓުމަށް ސަރުކާރުން ހަމަޖައްސާފައި އޮތް އޮތުން އިއްޔެ ހަމަވިނަމަވެސް ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ދިދަ މިއަދު ހެނދުނުވެގެން އައި އިރު ހުރީ ބައި ދަނޑީގަ އެވެ.

ސަން އަށް ފޮޓޯ އާއި މައުލޫމާތު ދިން މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ މިއަދު ހެނދުނުވެގެން އައި އިރު، ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީގެކޮޅު، މުލިއާގެ އާއި ގައުމީ ދިފާއީ ބާރާއި ފުލުސްް އޮފީހާއި ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިމެނޭ ގާޒީ ބިލްޑިންގުގެ ގައުމީ ދިދަ ހުރީ ބައިދަޑިއަށް ތިރިކޮށްފައި ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެކަމުގެ އިޝާރާތް ކުރުމުން އެ ތަންތަނުގެ ދިދަ އެެންމެ އުހަށް ނަގާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މަހުގެ 16 އިން ފެށިގެން ތިން ދުވަހުގެ މުއްދަތައް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބަހައްޓާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ނިންމެވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ނިންމެވުމާ އެކު ވިދާޅުވެފައި ވަނީ ޖަޕާނަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ގައުމެއް ކަމަށާއި ޖަޕާނަށް މިކުރިމަތިވި ބޮޑު ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވުމުގެ ރަމްޒެއްގެ ގޮތުން ގައުމީ ދިދަ ތިން ދުވަހަށް، ބައިދަނޑީގައި ބަހައްޓަން ނިންމެވީ ކަމަށެވެ.