12 Sep 2015, 10:07
އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް މިއަދު ވެސް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާދީފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ނާޒިމްއަށް އައިޖީއެމްއެޗުން ފަރުވާދީފަ އެވެ.
ނާޒިމް އާއިލާގެ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު ނާޒިމް އައިޖީއެމްއެޗަށް ގެނެސް އެތެރެހަށީގެ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށެވެ. އަދި މިހާރު ނާޒިމް ވަނީ އަނބުރާ ޖަލަށް ގެންގޮސްފައި ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

ނާޒިމްއަށް އައިޖީއެމްއެޗުން ފަރުވާދީފައިވާ އިރު ނާޒިމްގެ ލޮލުގެ މައްސަލައަކަށް ފަރުވާދިނުމަށް ރާއްޖެ އިން ބޭރަށް ގެންދިއުމުގެ ހުއްދައަކަށް އާއިލާގެ ފަރާތުން ވަނީ ދާދިފަހަކުން އެދިފަ އެވެ. ނަމަވެސް މިހާތަނަށް އެ ހުއްދަ ދީފައެއް ނުވެ އެވެ.
ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.
ނާޒިމް އަށް ވަނީ މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލުންނާއި ސިންގަޕޫރުން ވެސް ފަރުވާދީފަ އެވެ.