12 Sep 2015, 10:04
ލަންޑަން (ސެޕްޓެމްބަރު 12) : މަރުވުމާ އެކު އިންސާނާގެ ހަށިގަނޑުގެ ވަސް ވަގުތުން ބަދަލުވާކަން ސައެންސްވެރިން ދެނެގެންފި އެވެ.
އިނގިރޭސިވިލާތުގެ ބެޑްފޯޑް ގައި ކުރިޔަށްދާ ސައެންސާބެހޭ މަހާސިންތާގައި އިނގިރޭސި ސައެންސްވެރިންގެ ޓީމަކުން ހާމަކުރި ގޮތުގައި އިންސާނާ މަރުވުމާ އެކު އޭނާގެ ހަށިގަނޑުގައި ވަސްގެންފި ނަމަ ދުވާނީ ކޮށާފައިވާ ރޯ ވިނައިން ދުވާ ވަހެވެ. އަދި އެއަށް ފަހު އެ ވަސް ބަދަލުވާނީ ތާޒާ މަހުގެ ވަހަށެެވެ. ދެން މަރުވެފައިވާ ހަށިގަނޑުގެ ވަސް ބަދަލުވާނީ މުޅަ ވަހަށެވެ. އެއަށް ފަހު ކުނިވަހަށެެވެ. މަރުވުމާ އެކު އިންސާނާގެ ހަށިގަނޑުގެ ސެލްތަކުން އެންމެ ފުރަތަަމަ ނުކުންނަކަމަށް ވަނީ "ހެކްސަނާލް" ނަމަކަށް ކިޔާ ކެމިކަލް ކޮންޕައުންޑެކެވެ. ރޯ ވިނައިގެ ވަސްދުވާ މާއްދާއެކެވެ. އެއަށް ފަހު ދެން ނުކުންނާނީ "އިންޑޯލް" ނަމަކަށް ކިޔާ ކޮންޕައުންޑެވެ. މިއީ ތާޒާ މަހުން ދުވާވަހެކެވެ.
މިކަން ބެލުމަށް އިނގިރޭސި ސައެންސްވެރިންގެ ޓީމުން ވަނީ އިންސާނާގެ ހަށިގަނޑުގެ ސެލްތަކުގެ އެތައް ތަހްލީލްތަކެއް މަރުވުމުގެ ކުރިންނާއި ފުރާނަ ދާވަގުތާ އަދި އެއަށް ފަހު ކޮށްފަ އެވެ. މަރުވެފައިވާ މީހުންގެ ހަށިތަކާ ބެހޭ އެތައް ކަަމެއް މިދިރާސާ އިން ހާމަވެފައިވެ އެވެ. މިިއިން ކޮންމެ ކަމަކީ ވެސް ފޮރިންސިކް ތަހްލީލްތަކަށާއި ތަހްގީގްތަކަށް ވަރަށް ބޭނުންތެރި ނަތީޖާތަކެއް ކަމަށްވެ އެެވެ.
މަރުވުމަކީ އިންސާނާގެ ހަށިގަނޑުގެ ހުރިހާ ސެލްތަކެއްގެ ދިރުން ގެއްލުމުން ވާކަމެއް ކަމަށް ސައެންސްވެރިން ބުނެ އެވެ. މަރުވުމާ އެކު ހަށިގަނޑު ކުނިވަނީ ހަށިގަނޑުގައިވާ ބެކްޓީރިޔާތައް މަރާލުމުގެ ދިފާއީ ބާރު ގެއްލިގެން ދިޔުމާ އެކު ބެކްޓީރިޔާތަކުން ނެރޭ މާއްދާތަކާއި ވިހަތަކުން ހަށިގަނޑުގެ ސެލްތައް ޑިކޮންޕޯޒް ކޮށްލާތީ ކަމަށް ސައެންސްވެރިން ބުނެ އެވެ. ދިރިހުންނައިރު ބެކްޓީރިޔާތައް މަރައި ހަށިގަނޑު ދިފާއު ކުރުމުގެ ގާބިލްކަން ސެލްތަކަށް ލިބިގެން ވެއެވެ. (އާރުޓީ ޑޮޓްކޮމް)