19 Mar 2011, 11:35
މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގއ. ވިލިނގިލީގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވިލިނގިލީ ރަށު ކައުންސިލް އިންތިހާބުގައި ވާދަ ކުރެއްވި އެ ރަށު އަންބަރީގޭ، އަންވަރު މޫސާގެ ކުރެއްވި ދައުވާގައި ހުކުމް ކުރައްވަމުން ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ އެ ރަށު މަސް މާރުކޭޓުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ގުނުމުގެ ކަންތައް ގެންގޮސްފައިވާ ގޮތާމެދު ވަރަށް ގިނަ ބަޔަކު ޝައްކުކޮށް ސުވާލު އުފައްދާފައިވާ ކަމަށެވެ. އެގޮތުން ބައެއް ބާތިލް ވޯޓު ސައްހަ ކަމަށް ޝަރީއަތަށް ހާޒިރު ކުރި ބައެއް ހެކިން ބުނެފައިވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
އިސް ފަނޑިޔާރު ވިދާޅުވީ ވިލިނގިލީ ރަށު ކައުންސިލަށް ހަތް މެންބަރުން ހޮވާއިރު އިންތިހާބުގައި ބައިވެރިވި 19 ކެންޑިޑޭޓުންގެ ތެރެއިން ދައުވާ ކުރި އަންވަރު މޫސާ އެންމެ ދެ ވޯޓު މަދުވެގެން ގޮސްފައި ވަނީ އަށް ވަނައަށް ކަމަށެވެ. އެހެންކަމުން އެ ވޯޓު ފޮށީގެ މައްސަލައިގައި މިނިވަން އޮބްޒާވަރުންނާއި އެހެނިހެން ފަރާތްތަކުން އުފައްދާފައިވާ ޝައްކުތަކާ މެދު އެންމެ ހަރުދަނާ ގޮތެއްގައި ގޮތެއް ކަނޑައެޅިގެންދާނީ ވޯޓު އަލުން ގުނައިގެން ކަމަށެވެ. އެހެންކަމުން ވިލިނގިލީ މަސް މާރުކޭޓުގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ސެކިއުރިޓީ ސީލް ކަނޑައި އަލުން އެ ވޯޓުތައް ގުނުމަށް އިސް ފަނޑިޔާރު އަމުރު ކުރެއްވި އެވެ.