12 Sep 2015, 09:04
މައްކާ (ސެޕްޓެމްބަރު 12): ހުކުރު ދުވަހު ހަވީރު މައްކާއަށް މޫސުމް ގޯސްވެ ހަރަމްފުޅު ތެރެއަށް ބިޔަ ކްރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އަދަދު 107 އަށް އަރައި އެ ހާދިސާގައި ޒަޚަމްވި މީހުންގެ އަދަދު 238 އަރާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ރަސްމީ އިދާރާތަކުން ބުނެފި އެވެ.
ދެ ހަރަމްފުޅުގެ ތަރްޖަމާނު އަހްމަދު އަލް މަންސޫރީ ވިދާޅުވީ ކަމަށް ސައުދީ ގެޒެޓުން ބުނީ، މައްކާ ގަޑިން އިއްޔެ ހަވީރު 5:10 ކަންހާއިރު އައި ބާރުގަދަ ވަޔާއެކު ކްރޭން ވެއްޓުނީ ގެފުޅުގެ ވަށައިގެން އެވަގުތު ޠަވާފްކުރަމުން ދިޔަ މީހުންނާއި އަދި ސަފާއާއި މަރުވާއާ ދެމެދު ހިނގަމުން ދިޔަ މީހުންގެ ތެރެއަށް ކަމަށެވެ.
"މި ހާދިސާގައި މަރުވި މީހުންގެ އަދަދު 107އަށް އަރާ. އަދި 238 މީހަކު ވަނީ ޒަޚަމްވެފައި،" މަންސޫރު ވިދާޅުވި އެވެ.
ސައުދީ ސިވިލް ޑިފެންސް އޮތޯރިޓީން ބުނިގޮތުގައި މަރުވާމީހުންގެ އަދަދު އިތުުރުވަމުންދަނީ މިހާދިސާގައި ޒަޚަމްވެފައިވާ މީހުންގެ ތެރެއިން ބައެއްމީހުން މަރުވަމުންދާތީއެވެ.
އެ ހާދިސާގައި މަރުވި މީހުންގެ ގައުމުތައް ރަސްމީ އިދާރާއަކުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ބަނގުލަދޭޝް، އިނޑިއާ އަދި ޕާކިސްތާނުގެ ކޮންސަލްސް ޖެނެރަލުންނާ ހަވާލާދީ ސައުދީ ގެޒެޓުން ބުނީ، މަރުވި މީހުންގެ ތެރޭގައި އެއިން ގައުމެއްގެ އެއްވެސް މީހަކު ހިމެނިފައިވާކަން މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.
އެހާދިސާގައި ދިވެހި އެއްވެސް ހައްޖުވެރިއަކަށް ގެއްލުމެއް ލިބިފައި ނުވާކަން ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކޮށްފައިވާ އިރު، ސައުދީގައި ހުންނަ ޕާކިސްތާނުގެ ކޮންސަލް ޖެނެރަލް އަފްތާބް ވިދާޅުވެފައި ވަނީ، ކްރޭން ވެއްޓުނު ހާދިސާގައި ޒަޚަމްވި މީހުންގެ ތެރޭގައި އެގައުމުގެ 15 މީހަކު ހިމެނޭ ކަމަށެވެ. އަދި އެމީހުންނަށް މައްކާގެ ދެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އިންޑިއާގެ ކޮންސަލްސް ޖެނެރަލް ބީއެސް މުބާރަކް ވިދާޅުވީ، ޒަހަމްވި މީހުންގެ ތެރޭގައި އެގައުމުގެ 10 މީހުން ހިމެނޭ ކަމަށެވެ. ބަނގުލަދޭޝްގެ ކޮންސަލް ޖެނެރަލް އޭކޭއެމް ޝާހިދުލް ކަރީން ވިދާޅުވީ ޒަޚަމްވި މީހުންގެ ތެރޭގައި އެގައުމުގެ 25 ވަރަކަށް މީހުން ހިމެނޭ ކަމަށެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ، މިމަހުގެ 21 ވަނަ ދުވަހު، ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތަކެއް ހާސް ހައްޖުވެރީން މައްކާއަށް ޖަމާވަމުން ދަނިކޮށެެވެ. މައްކާގެ އަމީރު އަދި ދެ ހަރަމްފުޅުގެ އިމާމް އަމީރު ޚާލިދު އަލް ފައިސަލް ވަނީ، އެ ހާދިސާގެ ތަހުގީގެއް ހިންގުމަށް ގޮވާލައްވައިފަ އެވެ.
ސައުދީ ސިވިލް ޑިފެންސް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ޖެނެރަލް ސުލެއިމާން އަލް އާމިރު އަލް އިޚްބާރު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިއްޔެގެ އެހާދިސާ ހިނގިވަގުތު އައި ގަދަ ވަޔާއި ވިއްސާރައާއެކު ކްރޭން ވެއްޓުނު ހިސާބުގައި ހުރި ބައެއް ގަސްތައް ވެސް މުލުން ލުހެވިގެން ގޮސްފައިވާ ކަމަށެވެ.
ކްރޭން ވެއްޓި އެތަކެއް ހައްޖާޖީންނެއް މަރުވި ހިތާމަވެރި ހާދިސާ ހިނގާފައި މިވަނީ، މިހާތަނަށް ހަރަމްފުޅު ބޮޑުކުރުމަށް ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއު ނިމުމާ ގާތްވެފައި ވަނިކޮށެވެ. މި މަޝްރޫއު ނިމޭއިރު 400،000 އަކަމީޓަރުގެ ޖާގައެއް ހަރަމްފުޅަށް އިތުރުވެގެންދާނެ އެވެ. އެގޮތުން މި މަސައްކަތް ނިމުމުން ހަރަމްފުޅަށް ގާތްގަނޑަކަށް 2.2 މިލިއަން މީހުންނަށް އެއްފަހަރާ ޖަމާވެވޭނެއެވެ.
ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއާ ހަވާލުވެފައިވާ ސައުދީ، ބިންލާދިން ގްރޫޕުން ބުނެފައި ވަނީ، އެ ހާދިސާ ހިނގާފައި ވަނީ، ހަރަމްފުޅުގައި އެ ގްރޫޕުން ކުރިއަށް ގެންދިޔަ މަސައްކަތްތައް ނިންމާލާފައި ވަނިކޮށް ކަމަށެވެ. އެގޮތުން އެންމެ ފަހުން އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.