އައްޑު ސިޓީގެ މަރަދޫގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 11:30 އެހާކަންހާއިރު މި އެކްސިޑެންޓް މަރަދޫގައި ހިނގާފައި ވަނީ ދެ ސައިކަލް ޖެހިގެން ކަމަށާއި އެކްސިޑެންޓްގައި ދެމީހަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު އިތުރު މީހަކަށް ވެސް އަނިޔާތަކެއް ލިބުނު ކަމަށެވެ.

"އެކްސިޑެންޓްގައި އެކެއްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވާއިރު އިތުރު މީހެއްގެ ފައިގެ ކަށިމަތިން ވަނީ ކަށިގަނޑާއެކު ވަރަށް ބޮޑަށް ޒަހަމްވެފައި،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. "ތިން ވަނަ މީހާއަށް ވެސް ގެއްލުންތައް ލިބި، އެ އެންމެނަށް ވެސް ހިތަދޫ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން."

ފުލުހުން ބުނީ އެކްސިޑެންޓްގައި ބޮލުގެ ނާށިގަނޑުގެ ފަޅައިގެން ދިޔަ ޒުވާނާ އަދި ވެސް ހޭނާރާ ކަމަށާއި އޭނާގެ ހާލު ސީރިއަސްވެފައިވާތީ މާލެ ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ބުނީ މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ޒަހަމްތަކާ ބެހޭ ގޮތުން އިތުރަށް ސާފު ކުރަން ހިތަދޫ ހޮސްޕިޓަލާ ގުޅައިގެން މައުލޫމާތެއް ސާފުވާ ގޮތެއް ނުވި އެވެ.