12 Sep 2015, 00:21
މިރޭ 12 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް އުރީދޫ ނަންބަރުތަކުން ސައުދީ އަރަބިއްއާއަށް އުރީދޫ ނަންބަރުތަކުން ހިލޭ ގުޅޭގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.
އުރީދޫ އިން ނެރުނު ބަޔާނެއްގައި ވަނީ މައްކާ އަށް މިއަދު ކުރި އާދަޔާހިލާފު ގަދަ ވިއްސާރާއިގައި ހަރަމްފުޅު ތެރެއަށް ކެރޭނެއް ވެއްޓި އެތަށް ބައެއްގެ ފުރާނަ ގެއްލުނު ހާދިސާއާ ގުޅިގެން، އެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން އުރީދޫ މެދުވެރިކޮށް އެގައުމަށް ހިލޭ ގުޅޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
"މިގޮތުން އުރީދޫ ކަސްޓަމަރުންގެ އާއިލާތަކަށާއި ކަސްޓަމަރުންނަށް ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން 12 ސެޕްޓެމްބަރުގެ މެންދަމު 12.00 އިން ފެށިގެން ދަންވަރު 3.00 ކާއި ހަމަޔައް، އުރީދޫ ހުރިހާ ކަސްޓަމަރުންނަށްވެސް ސައުދީ އަށް ހިލޭ ގުޅޭނެއެވެ،" އުރީދޫގެ ބަޔާނުގައިވެ އެވެ.
މިއަދުގެ ހާދިސާގައި މިހާތަނަށް 87 މީހުން މަރުވެ 180 އަށްވުރެ ގިނަމީހުންނަށް ޒަހަމްވެފައި ވެއެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ރާއްޖެއިން މިއަހަރު 2000 އަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަންކުރަން ވަނީ މައްކާއަށް ގޮސްފަ އެވެ.