11 Sep 2015, 20:39
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީ އިން މިއަދު މާލޭގެ މަގުތަކުގައި ހިނގާލުމެއް ބާއްވައިފި އެވެ.
މިއީ ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އެމްޑީޕީ އިން އަލުން މަގުމަތީގެ ހަރަކާތްތައް ފެއްޓި ފުރަތަމަ ފަހަރެވެ. އިދިކޮޅު އެމްޑީޕީ އިން މިއަދު މާލޭގެ ބައެއް މަގުތަކުގައި ބޭއްވީ ސުލްހަވެރި ހިނގާލުމެކެވެ. އަދި އެ ހިނގާލުން ފެށުނީއްސުރެ ނިމެންދެކަށް ވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. އަދި ފުލުހުންގެ ކުރިމަތިލުމެެއް ވެސް ހިނގައިފައެއް ނުވެ އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެ ސަރަހައްދުން ހަވީރު ފެއްޓި ހިނގާލުން ނިންމާލީ ވެސް އެ ސަރަހައްދުންނެވެ.
މިއަދުގެ ހިނގާލުމުގައި އެކި ސަރަހައްދުތަކުގައި މަޑުކޮށް ދިޔައީ ވާހަކަ ދައްކަމުންނެވެ. އެގޮތުން އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މަހްފޫޒް ސައީދުގެ ބޮލަށް ވަޅި ޖެހީ ދުވާލު ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާތީ ކަންބޮޑުވާ ކަމަށެވެ.
އެމްޑީޕީ އިން ހިންގި މަގުމަތީ ހަރަކާތް މީގެ ދެ މަސް ދުވަސް ކުރީން ހުއްޓާލީ، ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލާފައިވާ ނަޝީދު ގޭ ބަންދަށް ބަދަލު ކުރުމުންނެވެ. ނަމަވެސް ނަޝީދު އަނބުރައި ޖަލަށް ގެންދިއުމުން އެމްޑީޕީ އިން ބުނީ އަލުން މަގުމަތީ ހަރަކާތްތައް ފައްޓާނެ ކަމަށެވެ.
މިއަދުގެ ހިނގާލުމުގައި ނަޝީދުގެ އިތުރަށް، ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަންކުރަން ވެސް އެމްޑީޕީ އިން އަޑުއުފުލާފައިވެ އެވެ.