ކްރިމިނަލް ކޯޓުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގައި ހުރި ރައީސް ނަޝީދު ކަންބޮޑުވެވަޑައިގަންނަވާ ކަންތައްތަކާ މެދު ނަޝީދާ ދެކޮޅަށް ހައިކޯޓުން ގޮތެއް ނިންމާފައި ވަނީ އެ މަނިކުފާނުގެ ބަހެއް ހޯދުމެއް ނެތި ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕްރޮސިކިއުޓާ ޖެނެރަލް ރާއްޖޭގެ ހައި ކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނު މައްސަލައިގެ ފޯމާއި ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއް މިއަދާ ހަމައަށް ވެސް ރައީސް ނަޝީދަށް އެ ކޯޓުން ފޯރުކޮށްދީފައިނުވާ ކަމަށެވެ.

ހައިކޯޓުން އިއްޔެ ނިންމި ނިންމުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާއިން ތަކުރާރުކޮށް ރައީސް ނަޝީދާ މެދު ބޭއިންސާފުން އަމަލުކުރަމުން ގެންދާކަން، އަނެއްކާ ވެސް ޝައްކެއް ނެތް މިންވަރަށް ރައްޔިތުންނަށް ހާމަވެގެންދިޔަ ކަމެއް ކަމަށް ވެސް ގާނޫނީ ޓީމުން ބުންޏެވެ.

އެ ބަޔާނުގައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް ހުށަހެޅި މައްސަލައާ ގުޅިގެން ރާއްޖޭގެ ހައި ކޯޓުގައި ހިންގާފައި ވަނީ އެ މައްސަލައަކީ ހައި ކޯޓަށް ބެލިދާނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ އަޑުއެހުމެއް ކަމަށެވެ. ނަމަވެސް، ހައި ކޯޓުން އެމައްސަލަ މައުޟޫއީ ގޮތުން ބަލައި، ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އެންމެހައި އިޖުރާއާތެއް ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނީ ހަމަތަކާ އެއްގޮތަކަށް ކަމަށް ހައި ކޯޓުން ކަނޑައެޅުމުން ކަންބޮޑުވާ ކަމަށް ގާނޫނީ ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހައި ކޯޓުގެ އެ އަމަލަކީ ގާނޫނު އަސާސީންނާއި ރާއްޖެ ބައިވެރިވެފައިވާ ބަައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުން ރައީސް ނަޝީދު މަހުރޫމުކޮށް، ގާނޫނުން ލިބިދީފައިވާ އެންމެހައި ރައްކާތެރިކަމާއި މަންފާތައް ނިގުޅައިގަތުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"[މިއީ] ދިވެހިރާއްޖޭގެ ޝަރުޢި ދާއިރާއިން ތަކުރާރުކޮށް ރައީސް މުޙާއްމަދު ނަޝީދާ މެދު ބޭއިންސާފުން އަމަލުކުރަމުން ގެންދާކަން އަނެއްކާ ވެސް ޝައްކެއްނެތް މިންވަރަށް ރައްޔިތުންނަށް ހާމަވެގެންދިޔަ ކަމެކެވެ،" ރައީސް ނަޝީދުގެ ގާނޫނީ ޓީމްގެ ބަޔާނުގައިވެ އެވެ.

ގާނޫނީ ޓީމުން ބުނީ ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔަ އިރު، ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ކުށުން ބަރީއަވުމަށް ޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް އެމަނިކުފާނަށް ލިބިދީފައިވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގު ފުރިހަމައަށް ލިިބިދީފައިވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށް ވެސް ގާނޫނީ ޓީމްގެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ވަނީ ރައީސް ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ގާޒީން އެ މައްސަލަ ބެލުމަށް ހުރަސްއެޅޭނެ ފަދަ މަސަލަހަތު ފުށުއެރުމެއް ނެތް ކަމަށް ވެސް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

ދައުލަތުން ހުށަހެޅި ހެކިންނާ ސުވާލުކުރުމަށް ފުރުސަތު ލިބިދީފައިވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ އިރު ރައީސް ނަޝީދު ބޭނުންފުޅުވި ދިފާއީ ހެކިން ހާޒިރުކުރަން ނުޖެހޭ ކަމަށް ވެސް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށް ގާނޫނީ ޓީމްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ހިންގާފައި ވަނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން އަދުލުވެރި، އިންސާފުވެރި ޝަރީއަތެއް ކަމަށް ވެސް ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.