19 Mar 2011, 08:23
ކޮކާކޯލާ ފީފާ ރޭންކިންގައި މާޗްމަހުގެ ރޭންކިން އިއުލާން ކުރިއިރު ރާއްޖެ 1 ދަރަޖަ ފަހަތަށް ހިނގައްޖެ އެވެ. ރާއްޖެ މިހާރު އޮތީ 161 ވަނައިގައެވެ.
ސާކް ސަރަހައްދުން މިހާރުވެސް ދެވަނާގައި އޮތް ރާއްޖެ ފަހަތަށް ދިޔައިރު އަބަދުވެސް އެންމެ ކައިރިން ވާދަކުރަމުން އަންނަ ސްރީލަންކާ ވަނީ 12 މަގާމު ފަހަތަށް ގޮސްފައެވެ. އެޓީމު މިހާރު އޮތީ 173 ވަނައިގައެވެ. މި ބަދަލުގެ ސަބަބުން ޕާކިސްތާނަށް ވަނީ ލަންކާއަށްވުރެ ކުރިއަށް އެރިފައެވެ. ދެ ދަރަޖައިގެ ކުރިއެރުމެއް މިފަހަރު ލިބުނު ޕާކިސްތާން ވަނީ 171 ވަނައިގައެވެ.
ސާކް ސަރަހައްދުން ބަންގްލަދޭޝް 174 ވަނާގައި އޮތްއިރު އެޓީމުވެސް ވަނީ 17 ދަރަޖަ ފަހަތަށް ސޮއްސާލާފައެވެ. އަފްއާނިސްތާނާއި ބޫޓާންގެ ރޭންކަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
ސާކް ސަރަހައްދުން އަދިވެސް އެންމެ ކުރީގައި އޮތީ އިންޑިއާ އެވެ. އެޓީމު އޮތީ 145 ވަނައިގައެވެ. މިފަހަރުގެ ރޭންކިންގައި އެ ޓީމަށް އެއްވެސް ބަދަލެއް ނާދެއެވެ.