11 Sep 2015, 18:25
މެންޗެސްޓާ ޔުނައިޓަޑްގެ ގޯލްކީޕަރު ޑެވިޑް ޑެހެއާ ހަތަރު އަހަރު ދުވަހަށް އެޓީމްގެ އާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސްޕެއިންގެ ގައުމީ ޓީމަށްވެސް ކުޅެމުންގެންދާ ޑެހެއާ ވަނީ މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި ރެއާލް މެޑްރިޑަށް ބަދަލުވުމާ ވަރަށް ކައިރިއަށް ޖެހިލައިފައެވެ.
ނަމަވެސް ޓްރަންސްފާގެ އެންމެ ފަހު ދުވަހު މެންޔޫއިން ޑެހެއާ ރެއާކަށް ދޫކޮށްލަން އެއްބަސް ވިނަމަވެސް އޭނާއަށް ރެއާލަށް ބަދަލު ނުވެވުނީ ޓްރާންސްފާގެ ލިޔުންތައް ޓްރާންސްފާ ޕީރިއަޑް ހަމަވިތާ 26 މިނެޓްފަހުން ހުށަހެޅުމުންނެވެ.
މިއަދު މެންޔޫއާއެކު އާ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޑެހެއާ ބުނީ މެންޔޫއާއެކު އާ ބާބެއް ފަށަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެއް ކަމަށާއި މެންޔޫގެ ކުޅުންތެރިންނާއެކު އެޓީމްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ އަބަދުވެސް އޭނާއަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓަޑަކީ ޚާއްސަ ކުލަބެއް އަދި އޯލްޑް ޓްރެފާޑް [މެންޔޫގެ ސްޓޭޑިއަމް] އަކީ އައިޑިއަލް ތަނެއް އަހަރެންގެ ކެރިއާ ބިލްޑް ކުރަން. އަދި މިދިޔަ ހޫނު މޫސުމުގެ ވީކަންތައްތައް ފަހަތައް ލުމަށްފަހު އަހަރެން ސަމާލުކަން ދޭނީ މިކުލަބުގެ ކުޅުންތެރިންނާއެކު ކާމިޔާބު ހޯދުމަށް އެހީތެރިވެދިނުމަށް،" ޑެހެއާ ބުންޏެވެ.
އުމުރުން 24 އަހަރުގެ ކީޕަރު މެންޔޫގެ އާ އެއްބަސްވުމުގައި ސޮއި ކުރުމުން އެޓީމްގެ ކޯޗް ލުއިސް ވެންހާލް ބުނީ މެންޔޫގެ އާ އެއްބަސްވުމުގައި ޑެހާއާ ސޮއިކުރުމަކީ އޭނާއަށް ލިބިގެންދިޔަ ޚާއްސަ އުފަލެއް ކަމަށާއި ޑެހެއާއަކީ ދުނިޔޭގެ އެންމެ މޮޅު ކީޕަރު ކަމަށެވެ.
"އަހަރެން ވަރަށް އެދެން ގިނަ އަހަރުތަކެއް ވަންދެން އޭނަ މިޓީމްގައި ހުންނަން. ޑޭވިޑް ވަނީ މިދިޔަ ސީޒަންގައި ވަރަށް މޮޅު ކުޅުމެއް ދައްކާފައި. އަދި މިދިޔަ ދެ ސީޒަންގައިވެސް އޭނާއަކީ މިކުލަބު އެންމެ މޮޅު ކުޅުންތެރިޔާ،" ވެންހާލް ބުންޏެވެ.
ޑެހެއާގެ އާ އެއްބަސްވުމަކީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްކަމުގައި ވިޔަސް ފަސް ވަނަ އަހަރަކަށް އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު މެންޔޫއަށް ވަނި އެއްބަސްވުމުގެދަށުން ލިބިފައެވެ.
ޑެހެއާގެ އާ އެއްބަސްވުމާއެކު 2019 ވަނަ އަހަރުގެ ނިޔަލަށް އޭނާ އެކުލަބުގައި މަޑު ކުރާނެއެވެ.
އެތުލެޓިކޯ މެޑްރިޑުން 2009 ވަނަ އަހަރު ސީނިއާ ކެރިއާ ފެށި ޑެހެއާ މެންޔޫއަށް ބަދަލުވީ 2011 ވަނަ އަހަރު 17.8 މިލިއަން ޕައުންޑަށެވެ.