ސާކް ރީޖަންގެ ގައުމުތަކަށް ހިދުމަތްދިނުމަށް އިންޑިއާ އިން ޖައްވަށް ފޮނުވަން ތައްޔާރުވަމުން އަންނަ ސާކް ސެޓަލައިޓް ބޭނުންކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސްރީ ލަންކާ އާއި އިންޑިއާ އިން ސޮއިކުރަން ނިންމައިފި އެވެ.

ލަންކާ އާއި ބައެއް އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން އެ އެއްބަސްވުމުގައި ދެގައުމުން ސޮއިކުރަން ނިންމާފައި ވަނި، އަންނަ ހަފްތާތެރޭގައި ލަންކާގެ ބޮޑުވަޒީރު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

ސާކް ސެޓަލައިޓް ޕްރޮޖެކްޓަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި 18 ވަނަ ސާކް ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ހުށަހެޅުއްވި ހިޔާލުފުޅެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެވެ.

އެ ސެޓަލައިޓްގެ ބޭނުމަކީ ސާކްގައި ހިމެނޭ މެމްބަރު ގައުމުތަކަށް ބޭނުންވާ މުވާސަލާތާއި މީޓިއޮރޮލޮޖިކަލްގެ އިތުރުން ޓެލެ މެޑިސިން ފަދަ މުހިއްމު ދާއިރާތަކުން ހިދުމަތް ފޯރުކޮށްދީ މެންބަރު ގައުމުތަކުގެ ގުޅުން ވަރުގަދަ ކުރުމެވެ.

ސާކްގެ މެމްބަރު ގައުމުތަކަށް އިންޑިއާ އިން ހަދިޔާކުރާ އެ ސެޓަލައިޓް އެއްކޮށް ނިންމައި ޖައްވަށް ދޫކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މައުލޫމާތު: ލަންކާ އަދި އިންޑިއާގެ ނޫސް އެޖެންސީތައް