11 Sep 2015, 17:49
ސާބިއާ އާއި ހަންގޭރީ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ފުލުހުންނަށް ފިލަން އުޅުނު ރެފިއުޖީއެއްގެ ފައިގައި ޖަހާ ރެފިއުޖީ ވައްޓާލި ހަންގޭރީ ނޫސްވެރިޔާއަށް އެކަން އެގޮތަށް ކުރެވުނީ "ޕެނިކް" ވެގެންކަމަށް އޭނާ ބުނެފި އެވެ.
އޭނާ އެހެން ބުނެފައި ވަނީ ހަންގޭރީގެ ނިއުސް ޕޭޕާއަކަށް ލިޔުނު ސިޓީއެއްގައި ކަމަށް ހިންދުސްތާން ޓައިމްސް އިން ރިޕޯޓުކޮށްފައިވެ އެވެ.
"އަހަރެން މިހާރު އެ ވީޑިއޯ ފޫޓޭޖް ބަލާލީމަ އިހުސާސްކުރެވެނީ އެ ވީޑިއޯގަ ފެންނަނީ އަހަރެން ނޫން ކަމަށް. އަހަރެން އޭނާގެ ފައިގައި ޖެހީ ޕެނިކްވެގެން. ރަހުމްކުޑަ މީހަކަށް އެވަގުތު ވެވިގެން،" ޕެޓްރާ ލަސްޒްލޯ ނަމަކަށް ކިޔާ 40 އަހަރުގެ އެ އަންހެންމީހާ ބުނެފައިވެ އެވެ.
ވޭތުވެދިޔަ ހަފްތާތެރޭގައި އިންޓަނެޓްގައި ހަލުވިކަމާ އެކު ދައުރުވާންފެށި ވީޑިއޯ އިން ފެންނަނީ، ރެފިއުޖީންތަކެއް ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައި ދުވަނިކޮށެވެ. އަދި ފުލުހެއްގެ އަތުގައި ޖެހިފައިހުރި ރެފިއުޖީއަކު އެ ފުލުސްމީހާ ކައިރިން ނެއްޓިގަނެގެން ދުވެގަތް ވަގުތު މި އަންހެންމީހާ އެ ރެފިއުޖީގެ ފައިގައި އޭނާގެ ފައިން ދަތިއަޅުވާ ވައްޓާލަ އެވެ. އެވަގުތު ރެފިއުޖީ ހުރީ ކުޑަ ފިރިހެން ކުއްޖެއް އުރައިގެންނެވެ.
އެ ހާދިސާ ހިނގިކަން އެނގޭ ވީޑިއޯ ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ފެތުރެން ފެށުމުން، ހަމަ އެދުވަހު ވަނީ އޭނާ މަސައްކަތްކުރާ އެންވަންޓީވީގެ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި ތަހުގީގުކޮށް ސުވާލުކުރުމަށް ފުލުހުންގެ އޮފީހަށް ގެންދިއުމަށް ފަހު މިހާރު ހުރީ ދޫކޮށްލާފަ އެވެ.
"އެވަގުތު އަހަރެން ހުރީ އެތައްސަތޭކަ ރެފިއުޖީންތަކެއް ފުލުހުންނާ ހިފައި ފުލުހުންގެ ދަފުތައް ރޫޅާލާފައި ދުވެގަތްތަން ރެކޯޑް ކުރަން. އެތަނުން އެކަކު (ކުއްޖަކާއެކު ވެއްޓުނު ރެފިއުޖީ) އައި އަހަރެންނާ ދިމާލަށް. އަހަރެން ހީކުރީ އޭނާ އައީ އަހަރެންނަށް ހަމަލާދޭން ކަމަށް. އެހެންވެ ޕެނިކްވީ،" އޭނާ ލިޔުނު ސިޓީގައި ބުނިކަމަށް ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކުރެ އެވެ.
"ކުއްލިއަކަށް ޕެނިކްވާ ގަޑީގައި ރަނގަޅު ޑެޒިޝަންއެއް ނެގުމަކީ އެހާ ފަސޭހަކަމެއް ނޫން. އެހެންވެ އަހަރެންނަށް ވިސްނުނީ އޭނާ އައީ އަހަރެންނަށް ހަމަލާދޭން ކަމަށް،" ޕެޓްރާ ލަސްޒްލޯ ބުނެފައިވެ އެވެ.
އޭނާ ވަނީ މަންމައެއްގެ ހައިސިއްޔަތުން، ކުޑަކުއްޖަކު ގޮވައިގެން ދިޔަ މީހެއް ވައްޓާލެވުނީތީ މައާފަށް އެދިފަ އެވެ.