19 Mar 2011, 08:22
އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގައި ރާއްޖެއާއި ދެކޮޅަށް ނުކުންނަ 3 ޓީމުގެ ތެރެއިން އެންމެ ވަރުގަދަވާނެ ކަމަށް ބެލެވޭ ތަޖިކިސްތާން ޓީމު އިއްޔެ މާލެ އަތުވެއްޖެ އެވެ. އެޓީމު މިހާރު އޮތީ ދުނިޔޭގެ ރޭންކިންގެ 148 ވަނައިގައެވެ. އެއީ ޗެލެންޖްކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުން އެންމެ މަތީގައި އޮތް ޓީމެވެ.
އިއްޔެ ހެނދުނު މާލެ އައި ޓީމުގައި ހިމެނެނީ އޮފިޝަލުންނާއެކު 24 މީހުންނެވެ. ޓީމު ތިބެނީ ނަލަހިޔާ ހޮޓަލުގައެވެ.
މުބާރާތުގައި ރާއްޖެއާއި ދެން ވާދަކުރާ ކިރުގިސްތާނާއި ކެމްބޯޑިއާ ޓީމު މާލެ އަންނަން ހަމަޖެހިފައިވަނީ މިރެއެވެ. މިރޭ ހުރިހާ ޓީމުތައް ހަމަވާއިރު ރާއްޖޭގެ ޓީމުވެސް މިއަދު ކޭމްޕް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަތަރި ޓީމުގެ މެދުގައި 6 މެޗު ކުޅެވޭ ކޮލިފައިންގެ މެޗުތައް ފަށާނީ މިމަހުގެ 21 ގައެވެ.