11 Sep 2015, 15:11
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ވަކީލުން ސްރީލަންކާއަށް ވަޑައިގެންފި އެވެ.
އެމްޑީޕީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ރައީސް ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީ އާއި ޖެރެޑް ޖެންސާ ސްރީލަންކާއަށް ވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މިއަދުގެ ވަގުތެއްގައި އެ ދެ ބޭފުޅުން ވަނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އާއި އެމެރިކާ އިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕްއާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުންތަކުގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
އަމާލް ކްލޫނީ އާއި ޖެރެޑް ޖެންސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ނަޝީދުގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެ ދެ ބޭފުޅުން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ޖަލުން މިނިވަން ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.