އިސްލާމިކް މިނިސްޓްރީން މިސްކިތްތައް މަރާމާތު ކުރުމަށް ހުޅުވާލާފައިވާ ފަންޑުގެ ދަށުން ހުޅުވި ފުރަތަމަ މިސްކިތް މިއަދު ތ. ގާދިއްފުށީގައި ހުޅުވައިފި އެވެ.

މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވުމަށްފަހު ވަނީ އެ މިސްކިތުގައި ހުކުރު ނަމާދު ވެސް ކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް އަހުމަދު ވިދާޅުވީ އެ މިސްކިތަށް ޖުމްލަ 3.5 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. އެ މިސްކިތުގައި އެއްފަހަރާ 350 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ މީގެ ކުރިން އެ ފަންޑުން ހަރަދުކޮށްގެން ރާއްޖޭގެ ގާތްގަނޑަކަށް 600 އެއްހާ ރަށުގައި މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ކޮށްފައިވާނެ ކަމަށެވެ.

ގާދިއްފުށިގައި މިސްކިތް ހުޅުވުމަށްފަހު އެ ދަތުރުގައި ތ. ދިޔަމިގިއްޔަށް ގޮސް އެ ރަށުގައި މިސްކިތެއް ހެދުމަށް ކުރަން ޖެހޭ ދިރާސާތަކެއް ކުރާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ދަތުރުގައި ތ. އަތޮޅުގެ އިތުރު ތިން ރަށެއްގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ހިންގާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.