11 Sep 2015, 14:33
އދ. މަޖިލިސް (ސެޕްޓެމްބަރު 12) : ސޫރިޔާގައި ދެމުން ގެންދާ ކެމިކަލް ހަތިޔާރުގެ ހަމަލާތަކުގެ ހަގީގަތް ހޯދުމަށް ޓަކައި ތަހްގީގްތަކެއް ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.
ރަޝިޔާގެ ތާއީދާ އެކު ފާސްކުރި މިގަރާރު ގޮވާލަނީ ސޫރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ފަހަތުގައިވާ ފަރާތްތައް ހޯދައި ބެލުމަށާއި މިކަމަށް ޚާއްސަ ތަހްގީގް ކޮމިޓީއެއް އުފެއްދުމަށެވެ. ކުރިން މިފަދަ ގަރާރެއް ފާސްކުރުމަށް ހުޅަނގުގެ ބާރުތަކުން ކުރި މަސައްކަތް ކާމިޔާބުނުވެ ލަސްވެފައިވެގެން ދިޔައީ ރަޝިޔާގެ ދެކޮޅު ހެދުންތަކުގެ ސަބަބުންނެވެ. ސޫރިޔާގައި ކުރިން ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ ތުހުމަތު ކުރެވިފައިވަނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށެވެ.
ނަމަވެސް މިފަހަކަށް އައިސް މިކަމުގެ ތުހުމަތު ކުރެވިފައިވަނީ އައިއެސް ޖަމާއަތުގެ މައްޗަށެވެ. އައިއެސް ޖަމާއަތުގެ އަސްކަރީ ބައި ބަލަހައްޓާކަމަށް ވަނީ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ޖުމްހޫރީ ލަޝްކަރުގެ ކޮމާންޑަރުންނެވެ. ނަމަވެސް އައިއެސް ޖަމާއަތުގައި ދީނުގެ ނަމުގައި ބޮންގޮއްވައި މީހުން މެރުމުގެ ޖަރީމާތައް ރާވައި ހިންގުމުގައި އިސްކޮށް އުޅެނީ ސައޫދީ އަރަބިޔާއާއި ތޫނިސްގެ ތަކްފީރީ ވިސްނުނުގެ ހަރުކަށި މީހުން ކަމަށްވެ އެވެ. ސައްދާމުގެ ލަޝްކަރުތަކުގެ މީހުންނަކީ ލާދީނީ ފިކުރުގެ ބަޔަކަށްވެފައި ތަކްފީރީ ވިސްނުނުގެ މީހުންނަކީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ބަޔަކަށްވިޔަސް ބަދަލުހިފުމުގެ ރޫހުގައި މިދެ ފަރާތްވަނީ އެއްގަލަކަށް އަރާފަ އެވެ.
އެމެރިކާ އިން ދާދިފަހުން ވަނީ އައިއެސް ޖަމާއަތުން ކެމިކަލް ހަތިޔާރު އުފައްދާކަމަށާއި އަދި ބޭނުންކުރާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ހަތަރު ފަހަރެއްގެ މަތިން މަސްޑަޑް ގޭހުގެ ހަމަލާތައް ދީފައިވާ ކަމަށް ބެލެވޭ ހެކިތައް އިރާގާއި ސޫރިޔާގެ ބައެއް ސަރަހައްދުތަކުން ފެނިފައިވާ ކަމަށް އެމެރިކާ ބުނެފައިވެއެވެ. އަދި ކެމިކަލް ހަތިޔާރު އުފައްދާ ސެލްއެއް އައިއެސްގެ އަތް ދަށުގައިވުން އެކަށީގެންވާ ކަމަށްވެސް އެމެރިކާ ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އެމެރިކާއަކީ އިރާގުގައި ފަނާކުރަނިވި ހަތިިޔާރު ހުރިކަމަށްބުނެ ދޮގުހަދާފައިވާ ގައުމަކަށްވާތީ އެމެރިކާގެ މިފަދަ ވާހަކަތަކުގެ އިތުބާރުވަނީ ދުނިޔެއަށް ގެއްލިފައެވެ. (ނޫސްއެޖެންސީތައް)