11 Sep 2015, 14:00
ތިނަދޫ ގެއަކުން ފައިސާތަކަކާއި ފޯނުތަކަކާއި ރަން އަނގޮޓިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ރޭ ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއްގެ އިތުރުން 35 އަހަރުގެ މީހެއް ކަމަށެވެ. ފުލުހުން ބުނީ އެ އެެންމެންނަކީ ވެސް ފިރިހެނުން ކަމަށެވެ. ނަމަވެސް އެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ގދ. ތިނަދޫ، ބަހާރީވިލާގެ އިން ފަސް މޯބައިލް ފޯނާއި ދެ ރަން އަނގޮޓިއާއި ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ވަގަށްނަގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ތަކެތީގެ ތެރެއިން އެއް އަނގޮޓި ފެނިފައި ވަނީ ހައްޔަރުކުރި އެކެއްގެ އަނގަތެރެއިން ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން، ހައްޔަރުކުރި ދެ ވަނަ މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރި އިރު ވަގަށްނަގާފައިވާ އެއް ފޯނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރު ފޯންތަކާއި އަނގޮޓި އަދި ވަގަށްނެގި ފައިސާގެ ތެރެއިން ބައެއް ފެނިފައި ވަނީ ހައްޔަރުކުރި މީހުން ނިސްބަތްވާ ގެތައް ބަލައި ފާސްކުރިއިރު ކަމަށެވެ.