ސަންޢާ : ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ގެ ވެރިކަން ވައްޓާލުމަށް ގޮވާލައި ވެރިރަށް ސަންޢާގައި މުޒާހަރާކުރި އެތަށް ހާސްބަޔަކާ ދެކޮޅަށް ޔަމަންގެ ފުލުހުން ބަޑިޖެހުމުން 30 މީހުން މަރުވެ 200 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެއެވެ.

ރައީސް ޞާލިޙުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ރައްޔިތުން ސަންޢާގެ ތަޣްޔީރު މައިދާނަށް އެއްވީ މިއަދުގެ ހުކުރު ނަމާދަށްފަހު އިންޒާރުގެ ހުކުރުގެ ޝިޢާރުގެ ދަށުންނެވެ. ނަމަވެސް ކުޑައިރު ކޮޅެއްގެ ތެރޭގައި މިއެއްވުން ބޮޑުވެގެންވާ ކަތިލުމަކަށް ބަދަލުވެގެން ދިޔައެވެ.

ތަޣްޔީރު މައިދާނަށް އެއްވި މީހުންނަށް ބަޑިން ހަމަލާދިނީ ރައީސް ޞާލިޙަށް ތާއީދުކުރާ ހަތިޔާރު އެޅި ފަރާތްތަކާއި ޔަމަނުގެ ސަލާމަތީ ބާރުތަކުން ކަމަށް މުރާސިލުންނާއި މަންޒަރުދުށް މީހުން ބުނެއެވެ.
ޔަމަންގެ އިދިކޮޅު ފަރާތްތަކާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މިއީ ރައީސް ޞާލިހް ހިންގެވި ބިރުވެރި ޤަތްލު އާންމެއްކަމަށް ސިފަކޮށްފައެވެ. މި ހަމަލާތަކުގައި މަރުވެފައިވާ މީހުންނަކީ ގަސްދުގައި މަރާފައިވާ މީހުންކަމަށް ބެލެވެނީ ވަޒަންއަރާފައިވަނީ އެމީހުންގެ ބޮލަށާއި މެޔަށާއި ބަނޑަށް ކަމަށްވާތީ އެވެ.

މިއީ ރައީސް ޞާލިޙްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ޔަމަންގެ ރައްޔިތުން މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން ކުރިޔަށްގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތަކާ ދެކޮޅަށް މިހާ ހަރުކަށިގޮތެއްގައި ޔަމަންގެ ސަރުކާރުން ބާރުގެ ބޭނުންކުރި ފުރަތަމަ ފަހަރެވެ.

މި ޖަރީމާތަކަށްފަހު ރައީސް ޞާލިހްވަނީ ޤައުމުގައި 30 ދުވަސްވަންދެން ކުއްލި ޙާލަތު ޢިޢްލާން ކުރައްވާފައެވެ. ސާލިޙް ވިދާޅުވީ ތަޣްޔީރު މައިދާނަށް އެއްވި މީހުންނަށް ހަމަލާދިނީ ޔަމަންގެ ފުލުހުން ނޫންކަމަށާއި ހަމަލާދިނީ މުޒާހަރާކުރާ މީހުންގެ ފަރާތްތަކުން ތަކުރާރުކޮށް އުނދަގޫ ތައް ކުރިމަތިވަމުންދާ ޢާންމުން ކަމުގައެވެ.

ނަމަވެސް މިޖަރީމާތަކަށްފަހު ސާލިޙްގެ ވެރިކަން ވައްޓާލުމަށް ގޮވާލާ ތަޣްޔީރު މައިދާނަށް އިތުރަށް އެއްވި މީހުންގެ ޢަދަދު މަދުވުމުގެ ބަދަލުގައި އާދަޔާ ޚިލާފަށް ގިނަވެގެން ދިޔަ ކަމަށް ޚަބަރުތައް ބުނެއެވެ.
-- އަލްޖަޒީރާ