ސްޓްރޯކް ސިޓީއާ ދެކޮޅަށް އާސެނަލް މާދަމާ ކުޅޭ މެޗަށް ވިކޭ ކޮންމެ ޓިކެޓަކުން އެއް ޕައުންޑް ސޫރިޔާ ރެފިއުޖީންނަށް ކުރިމަތިވެފައިވާ މައްސަލައަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އާސެނަލްގެ މެނާޖަރު އާސެން ވެންގާ ބުނެފި އެވެ.

ސޫރިޔާގެ ކުޑަކުދިންނަށް 2012 ވަނަ އަހަރުން ފެށިގެން އެހީވަމުން އަންނަ އާސެނަލް އިން މިހާތަނަށް ހަތަރު ލައްކަ ޕައުންޑް އެގައުމުގެ ކުޑަކުދިންނަށް ހަދިޔާކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުގައި އާސެނަލް ކުޅޭ ފުރަތަމަ މެޗަށް ވިކޭ ކޮންމެ ޓިކެޓަކުން ވެސް އެއް ޔޫރޯ ސޫރިޔާއަށް ކުޑަކުދިންނަށް ހަދިޔާކުރުމަށް އެ ކްލަބުން ވަނީ ނިންމާފަ އެވެ.

"ސްޓްރޯކް އާ ދެކޮޅަށް ކުޅޭ މެޗަށް ވިކޭ ކޮންމެ ޓިކެޓަކުން އެއް ޕައުންޑް ހަދިޔާކުރާނީ ސޫރިޔާގެ މައްސަލާގެ ސަބަބުން ހާލުގައި ޖެހިފައިތިބި މީހުންނަށް،" އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވެންގާ ބުނެފައިވެ އެވެ.

އާސެނަލް އާއެކު ޕްރިމިއާ ލީގުގެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޗެލްސީ އާއި މެންޗެންސްޓާ ސިޓީ އަދި މެންޗެންސްޓާ ޔުނައިޓަޑުން ވެސް ވަނީ ޗެމްޕިއަން ލީގުގައި އެ ކްލަބްތަކުން ކުޅޭ މެޗުތަކަށް ވިކޭ ޓިކެޓުން ބައެއް ސޫރިޔާގެ ރެފިއުޖީންނަށް ދިމާވެފައިވާ މައްސަލައަށް އެހީވުމަށް ހަދިޔާކުރަން ނިންމާފަ އެވެ.

ޔޫރަޕިއަން ކްލަބް އެސޯސިއޭޝަންގެ ޗެއާމަން ކާލް ހައިންޒު ރުމެނިގާ ވިދާޅުވާ ގޮތުން ޗެމްޕިއަން ލީގުގައި ވާދަކުރާ 32 ޓީމުންދޭ އެހީތައް ގާތްގަނޑަކަށް ތިން މިލިއަން ޔޫރޯ (3.37 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރާނެ އެވެ.

ސޫރިޔާގެ ރެފިއުޖީންނަށް ދިމާވެފައިވާ މައްސަލައަށް ގިނަ ކްލަބްތަކަކުން އެހީވަމުންދާއިރު، ސްޕެއިންގެ ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީން ވެސް ވަނީ އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފަ އެވެ.

މައުލޫމާތު: ދަ އިންޑިޕެންޑެންޓް