ޗައިނާގެ ޓިއަންޖިން ސިޓީގައި ހުންނަ ވެއާ ހައުސްއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަން ގޮވައި، މަރުވި މީހުންގެ އަދަދު 165 އަށް އަރައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ޓީމުގެ 99 މީހަކު އެ ހާދިސާގައި މަރުވެފައިވަނިކޮށް ފެނިފައިވާ އިރު، 11 ފުލުސް އޮފިސަރުންނާއި ވެއާހައުސްގައި މަސައްކަތް ކުރާ 55 މީހުން މިހާތަނަށް މަރުވެފައި ވަނިކޮށް ފެނިފައިވެ އެވެ.

އެ ވެއާހައުސްއަކީ ގިނަ އަދަދެއްގެ ކެމިކަލްތަކެއް ރައްކާކޮށްފައި ހުންނަ ތަނެކެވެ.

އަލިފާންގަނޑު އިތުރަށް ބޮޑުވެ އެތަން ގޮވަން މެދުވެރިވީ، އަލިފާން ރޯވި ވަގުތު އެތަން ނިއްވަން ފެން ޖެހުމުގެ ސަބަބުންނެވެ. ސަބަބަކީ އެތަނުގައި ހުޅު ހިފާފައި ހުރި ކެމިކަލްތަކަކީ އެ ކެމިކަލްތަކާ ފެން އެކުވެއްޖެ ނަމަ އަލިފާންގަނޑު އިތުރަށް ބޮޑުވެ، ބާރުގަދަ ގޮވުމެއް ގޮވަން މެދުވެރިކުރުވާ ކެމިކަލްތަކަކަށް ވާތީ އެވެ.

އެ ވެއާހައުސްގައި ބާރުގަދަ ކެމިކަލްއެއް ކަމަށްވާ "ސޯޑިއަމް ސިޔަނައިޑް"ގެ 700 ޓަނުގެ ކެމިކަލް ރައްކާކޮށްފައި ހުއްޓެވެ.