ވެނަޒުއޭލާގެ އިދިކޮޅު ލީޑަރު ލިއޯޕޮލޯޑޯ ލޯޕޭޒް 13 އަހަރާއި ނުވަ މަހަށް ޖަލަށްލާން އެގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

ވެނަޒުއޭލޯގެ ކޯޓަކުން ލޯޕޭޒްގެ މައްޗަށް ހުކުމްކޮށްފައި ވަނީ 2014 ވަނަ އަހަރު ބޭއްވި މުޒާހަރާއެއްގެ ތެރެއިން އިދިކޮޅު ފަރާތްތަކުގެ ސަޕޯޓަރުންނާއި އާންމުނާ ދެމެދު ހިނގި ކުރިމަތި ލުމެއްގައި 43 މީހުން މަރުވި ހާދިސާގައި ހަމަނުޖެހުން ހިންގާފައިވާތީ އެވެ.

ލޯޕޭޒްގެ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ލޯޕޭޒާ ދެކޮޅަށް ހިންގި ޝަރީއަތުގައި އިންސާފު ގެއްލޭ ފަދަ ސީރިއަސް މައްސަލަތަކެއް ހުރި ކަމަށެވެ.

އެގޮތުން ދިފާއީ ވަކީލުންގެ ފަރާތުން ހުށަހެޅި ބައެއް ހެކިތައް ޝަރީއަތުން ބަލައިގެންފައިނުވާކަމަށް ލޯޕޭޒްގެ ގާނޫނީ ޓީމުން ބުންޏެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ހިނގި ހަމަމުޖެހުންތަކާ ގުޅިގެން ލޯޕޭޒް ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ. ހައްޔަރުކުރުމަށް ފަހު އޭނާ ބަހައްޓާފައި ވަނީ ވެނަޒުއޭލާގެ އަސްކަރީ ޖަލެއްގަ އެވެ.

ލޯޕޭޒްގެ އާއިލާއިން ބުނެފައި ވަނީ ޖަލުގައި ހުރި މުއްދަތުގެ ތެރޭގައި އޭނާގެ އިންސާނީ ހައްގުތަކަށް ވެނަޒުއޭލާގެ ސަރުކާރުން އަރައިގެންފައިވާ ކަމަށެވެ.

ޖަލު ހުކުމް އިއްވުމާ އެކު އިދިކޮޅު ލީޑަރުގެ އަނބިކަނބަލުން ލިލިއަން ޓިންޓޮރީ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: އޭޕީ

ލޯޕޭޒްގެ މައްޗަށް ހުކުމް ކުރުމުން އެމެރިކާ އާއި އދ. އިން ވަނީ ލޯޕޭޒް މިނިވަން ކުރުމަށް ވެނަޒުއޭލާގެ ސަރުކާރަށް ގޮވާލާފަ އެވެ.

އެމެރިކާގެ އެސިސްޓެންޓެންޓް ސެކެޓްރީ އޮފް ސްޓޭޓް ރޮބޭޓޯ ޖެކޮބްސަން ވިދާޅުވީ، ލޯޕޭޒްގެ މައްޗަށް އެފަދަ ހުކުމެއް އިއްވުމުން އެކަމާ ކަންބޮޑުވެވަޑައިގަންވާ ކަމަށާއި ޑިމޮކްރަސީ ހިމާޔަތް ކުރުމަށް ވެނަޒުއޭލާގެ ސަރުކާރަށް ގޮވާލާކަމަށެވެ.

ހުކުމް އިއްވުމަށް މިއަދު ލޮޕޭޒް ކޯޓަށް ހާޒިރުކުރުމުން ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެން އިދިކޮޅު ސަޕޯޓަރުން ވަނީ އެ ގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލް އުފުލާފައިވާ ދައުވާއާ ދެކޮޅު ހަދައި، އަދި އޭނާއާ ދެކޮޅަށް ޝަރީއަތް ހިންގި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލައިފައެވެ.