19 Oct 2015, 16:34
އިންގްލެންޑް ގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ދުނިޔޭގެ ހަތް ސަރަހައްދުގައި ހަތް ދުވަސް ތެރޭ ހަތް މެޗް ކުޅެން ތައްޔާރު ވަމުން އެބަދެއެވެ.
އެއީ ޔުނިސެފްގެ އެމްބެސެޑަރެއްގެ ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން ދިހަ އަހަރު ކުރި ޚިދުމަތް ފާހަގަކުރުމަށް އޭނާ ނިންމި ނިންމުމެކެވެ.
ބެކަމް ވަނީ ޔުނިސެފް ގެ ޗެރިޓީ ޕްރޮގްރަމް ގެ ދަށުން އެނާ ކުރިން ކުޅެމުންއައި ޖާޒީ ނަމްބަރ'7' ރަމްޒުވާގޮތަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު އެތަކެއް އިވެންޓުތައް ބާއްވައިފައެވެ.
ކުރިއަށް އޮތްތާގަވެސް އެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ޔުނިސެފަށް ފައިސާ ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަން ބެކަމް ބުންޏެވެ.
"އަހަރެން ބޭނުންވަނީ ކުޑަކުދިން ހެދި ބޮޑުވުމުގައި ދުނިޔެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައިވުން. ހަމަނުޖެހުމާއި ފަގީރުކަމާއި އެންމެހައި ބަލި މަޑުކަމުން ރައްކާތެރިވެގެންވާ ތަނަކަށް ދުނިޔެ ވުން،" ޔުނިސެފް ގައި ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން ބެކަމް ބުންޏެވެ.
ދުނިޔޭގެ މަޝްހޫރު ބޮޑެތި ޓީމްތަކަކަށް ކުޅެ 2013 ވަނަ އަހަރު ރިޓަޔާ ކޮށްފައިވާ ބެކަމް ގެ ކެޕްޓަން ކަމުގެ ދަށުން ނެރޭޓީމަކާއި ފްރާންސްގެ ކުރީގެ ތަރި ޒައިނުއްދީން ޒިދާންގެ ކެޕްޓަންކަމުގެ ދަށުން އަންނަ މަހުގެ 14 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ގައި ޚާއްސަ ފުޓްބޯޅަ މެޗެއް ކުޅެންވެސް ވަނީ ނިމްމައިފައެވެ.
ބެކަމް ބުނީ އެ މެޗުތަކުގެ ސަބަބުން ކުޑަކުދިންނަށް އެހީތެރިވުމަށާއި ހޭލުންތެރިކަން އިތުރުކޮށް ފަންޑު ހޯދުމަށް އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ.