18 Mar 2011, 23:03
ތ. ވިލުފުށީ ފަޅުތެރޭގައި ކިނބޫ ބައިގަނޑެއް އުޅޭ ކަމަށް ރަށުގެ ރައްޔިތުންނާ ފުލުހުން ބުނަމުންދާތީ އެ ރަށުގެ ފަޅުތެރެ ބަލައި ކިނބޫތައް ހިފުމުގެ މަސައްކަތް ސިފައިން މިއަދު ފަށައިފި އެވެ.
ވިލުފުށީ ކައުންސިލް އިދާރާއިން، ކައުންސިލަރު މޫސާ މުސްތޮފާ މިރޭ ވިދާޅުވީ އެ ރަށުގެ ފަޅުރޭގައި ކިނބޫ އުޅޭ ކަމުގެ މައުލޫމާތެއް ފުރަތަމަ ލިބުނީ މި މަހުގެ ދެ ވަނަ ދުވަހު ކަމަށާއި އެ ދުވަހު ފަޅުތެރޭގެ ތިލަ ހިސާބުން ކިނބުލެއް ފެނުނު ކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައި ވަނީ ރަށުގެ ރައްޔިތަކު ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އޭގެ ފަހުން މިމަހުގެ ހަތަރު ވަނަ ދުވަހު ރަށުގައި މަސައްކަތްކުރާ ބަންގުލަދޭޝް މީހަކަށް ވެސް 10 ފޫޓާއި 12 ފޫޓާ ދެމެދުގެ ކިނބުލެއް ފެނިގެން ރިޕޯޓްކޮށްފައި ވަނިކޮށް އެ ރަށުގައި ތިބޭ ފުލުހުންނަށް ވެސް އެ ސައިޒްގެ ކިނބުލެއް ފަޅުތެރެއިން ފެނިގެން އަންގާފައިވާ ކަމަށެވެ.
"އެހެން އެކަން އޮވެފައި މިދިއަ ބުދަ ދުވަހު ފަޅުތެރޭގެ ވަރަށް ތިލަ ހިސާބުން އެކުގައި އުޅުނު ހަތަރު ކިނބޫ ފެނުނީ. އެކަން ކަށަވަރުކޮށްދޭ ފުލުހުން ވެސް. އަދި ފެނުނު އެހެން މީހުން ވެސް. އެ ހިސާބުން ފެށިގެން އަޅުގަނޑުމެންގެ އެކަން ސަމާލު ކަމަށް ގެނެސް ސިފައިން މެދުވެރިކޮށް އެ ކިނބޫތައް އަތުލައިގަތުމުގެ މަސައްކަތް ފެށީ... މި ހަބަރަކީ މުޅިން ކަށަވަރު ތެދު ހަބަރެއް، ކިނބޫތަކެއް ފަޅުތެރޭގައި އެބައުޅޭ،" މޫސަ ވިދާޅުވި އެވެ.
ވިލުފުށީ އެހެން މީހަކު މިރޭ ބުނީ، ރަށުގެ ބައިވަރު މީހުންނަށް ފަޅުތެރެއިން ކިނބޫ ފެންނަމުންދާތާ މަހެއްހާ ދުވަސްވެފައިވާ ކަމަށާއި ބައެއް މީހުން ބުނާ ގޮތުގައި ހައެއް ނޫނީ އަށް ކިނބޫ ފެނިފައިވާ ކަމަށެވެ.
"އެކިވަރުގެ ކިނބޫ ފެންނަމުންދަނީ. އެކުގައި ވެސް ފެނޭ. ވަކިވަކިން ވެސް ފެނޭ،" އޭނާ ބުންޏެވެ.
ތ، ވިލުފުށީ ޕޮލިސްޓޭޝަންގެ އޮފިޝަލަކު ވެސް މިރޭ ބުނީ ވިލުފުށީ ފަޅުތެރެއިން ކިނބޫ ފެނިގެން އުޅޭ ކަމަށާއި އެ ކިނބޫތައް ހޯދައި އަތުލައިގަތުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ.
"އެކަމާ ގުޅިގެން ސިފައިން މިކޮޅުގައި ހަރަކާތްތެރިވަމުން އެބަދޭ، އެނޫން މައުލޫމާތެއް އަދި ނެތް،" ވިލުފުށީ ޕޮލިސް ސްޓޭޝަނުން ވާހަކަ ދެއްކެވި އޮފިޝަލަކު ބުންޏެވެ.
ގައުމީ ދިފާއީ ބާރުގެ ލެފްޓިނަންޓް އަބްދުﷲ އަލީ މިރޭ ވިދާޅުވީ ވިލުފުށީ ފަޅުތެރޭގައި ކިނބޫތަކެއް އުޅޭ ކަމަށް ރަށުންނާއި ފުލުހުން ރިޕޯޓްކޮށްފައިވާތީ މިއަދު ހެނދުނުއްސުރެ ލ. ކައްދޫގައި ގާއިމުވެ ތިބޭ ސިފައިން ވިލުފުށީ ފަޅު ބަލަން ފަށާފައިވާ ކަމަށެވެ.
"ހެނދުނުއްސުރެ އަޅުގަނޑުމެން މިދަނީ ބަލަމުން، އަދި އެއްވެސް ނިޝާނެއް ނުފެނޭ. އަދި ނުފެނުނު ކަމަށް ވިޔަސް އަޅުގަނޑުމެން މިތިބީ އަދި ސާޗް ހުއްޓައިލާ ގޮތަކަށް ނޫން. ވިލުފުށީ ރައްޔިތުންނަށް މިކަން ބިރުވެރި ކަމަކަށް ނުވެ ނިމިގެންދާ ގޮތަށް އަޅުގަނޑުމެން މި ހަރަކާތް ކުރިޔަށް ގެންދާނަން،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
ވިލުފުށީ ފަޅުން ކިނބޫ ބައިގަނޑެއް ފެނި، ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު ޖެނުއަރީ15، 2011 ވަނަ ދުވަހު ވަނީ ވިލުފުށީ ކައިރީ އޮންނަ ފަޅުރަށް، ހޮނޑެލިފުށީގެ ފަޅުތެރެއިން ވެސް ވަނީ ހަތަރު ފޫޓުގެ ކިނބުލެއް ފެނިގެން ފުލުހުން ހިފާފަ އެވެ. އެ ކިނބޫ މިވަގުތު އޮތީ ވެސް ވިލުފުށީގަ އެވެ.
ތ. އަތޮޅަކީ ރާއްޖޭގެ ތާރީހުގައި ވަރަށް ގިނައިން ކިނބޫ ފެނިފައިވާ އަތޮޅެކެވެ. 1986 ވަނަ އަހަރު ތ. ބުރުނީ ފަޅުން ވެސް ކިނބުލެއް ފެނި، ސިފައިން ބަޑިޖަހައި މަރާލިއެވެ. އަދި އޭގެ ހަ އަހަރު ފަހުން ވެސް ހަމަ އެރަށަށް ހަތަރު ފޫޓު ކިނބުލެއް އެރި އެވެ. ނަވާރަސަތޭކަ ފަންސާސް ވަނަ އަހަރު ތ. ކިނބިދޫއަށް ވެސް ކިނބުލެއް އަރާފައި ވެއެވެ.