ފަތުރުވެރިކަމުގެ ދާއިރާއާ އެކު ރާއްޖޭގެ ގުދުރަތީ ރީތިކަން ދެކެ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް އިންޑިއާގެ މެއިން ސްޓްރީމް މީޑިއާގެ ނޫސްވެރިންތަކެއް ރާއްޖެއަށް ގެނެސްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ތިންކް ސްޓްރޯބެރީސް ގުޅިގެން ގެނައި އެ ޓީމުގައި ހިމެނެނީ އިންޑިއާގެ މީޑިއާތަކަށް ނިސްބަތްވާ ހަ ނޫސްވެރިންނެވެ.

އެމްއެމްޕީއާރުސީން ވަނީ އެއާޕޯޓުން އެ ނޫސްވެރިންނަށް މަރުހަބާކިޔައި، އިއްޔެގެ ވަގުތެއްގައި މީރު އައިލެންޑް ރިސޯޓަށް ގެންގޮސްފަ އެވެ.

އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާ ނޫސްވެރިންގެ އެ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ ސިނާއަތް އެ ނޫސްވެރިންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތުދީ ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގެ ޗެނަލްތަކުން އިޝްތިހާރުކުރުން ކަމަށެވެ.

އެގޮތުން ނޫސްވެރިންގެ އެ ދަތުރުގައި ރާއްޖޭގެ އިތުރު ތިން ރިސޯޓެއްގެ ޚަބަރުތަކާ ރިޕޯޓުތައް ކަވާކުރާނެ ކަމަށެވެ. އެގޮތުން ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި އަދާރަން ސެލެކްޓް ހުދުރަންފުށި އަދި އަދާރަން ކްލަބް ރަންނާޅި އަށް އެ ނޫސްވެރިންތައް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ދަތުރުގައި ނޫސްވެރިންނަށް އެ ރިސޯޓުތަކުގެ ކެއުމާއި ހޮސްޕިޓަލިޓީ ތަޖުރިބާ ކުރުމާއި، ސްނީކްލް ކުރުމާއި މަސްދަތުރުތަކާއި ޑިސްކޯ ޑީޖޭތައް އަދި އެހެން ތަންތަން ތަޖުރިބާކޮށްލަން ފުރުސަތު ދޭނެކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އޭގެ އިތުރުން ދަތުރުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ބެހޭ މައުލޫމާތުތައް ދިނުމާއި ކުރިއަށް ރާވާފައި ހުރި މަޝްރޫތަކާ ގުޅޭގޮތުން ވެސް މައުލޫމާތުދޭނެ އެވެ.

ވޭތުވެދިޔަ އަހަރު އިންޑިއާ އިން ރާއްޖެއަށް 3376 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.