ހީކުރިގޮތަށް އެޕަލް ކުންފުނިން އެމީހުންގެ އެންމެ މަގުބޫލު ސްމާޓްފޯންތަކުގެ އާ ވާޝަން ކަމަށްވާ 6އެސް އަދި 6އެސް ޕްލަސް ސެން ފްރެންސިސްކޯގައި ބޭއްވި އެމީހުންގެ އަހަރީ ލޯންޗް އިވެންޓުގައި ދައްކާލައިފި އެވެ. ބަލާލުމުގައި 6އެސް، މިދިޔަ އަހަރު ބާޒާރަށް ނެރުނު 4.7 އިންޗީގެ އައިފޯން 6 އާއި ތަފާތެއް ނެތެވެ. ތަފާތުތައް ގެނެވިފައި ވަނީ އެ ފޯނުގެ އެތެރޭގައިވާ ހާޑްވެއާ އަށެވެ.

އާ ފޯނުތަކާ އެކު އައު ކުލައެއް ކަމަށްވާ "ރޯޒް ގޯލްޑް" ކުލަ ތައާރަފު ކުރި ނަމަވެސް ބަލާ ބެލުމަށް ކުރީ އަހަރުގެ ފޯނުތަކާއި ފަހުގެ ފޯނުތަކުގެ ހަމައެކަނި ތަފާތަކީ މިއީ އެވެ. އައިފޯނު އައު ކުލައެއްގައި ލިބުމެވެ.

ޑިޒައިނަށް ބަދަލެއް ނުގެނެސް ހާޑްވެއާ އަށް ބަދަލު ގެނައުމަކީ އެޕަލް ކުންފުނި އާންމުކޮށްވެސް ކަންތައް ކުރާ ގޮތެވެ. އެ ކުންފުނިން "އީވަން" އަހަރުތަކުގައި ބޮޑެތި ބަދަލުތައް ގެނެސް "އޮޑް" އަހަރުތަކުގައި ކުދި ބަދަލުތައް ގެނެ އެވެ.

އައު ފޯނު ތަކުގައި ކެމެރާ ޓެކްނޮލޮޖީ އަޕްޑޭޓް ކުރުމުގެ އިތުރުން ވަނީ ނެވިގޭޓް ކުރުމަށް "ފޯސް ޓަޗް" ތައާރަފްކޮށް ކުރިއަށްވުރެ ހަލުވި ޕްރޮސެސާއެއް ލާފައެވެ. މި ބަދަލުގެ ސަބަބުން ކައިރިވަމުން އަންނަ އަހަރީ ބަންދު ތެރޭގައި އައިފޯނާއި އެހެން ފޯނުތަކާމެދު އޮންނަ ވާދަވެރިކަން އިންތިހާ އަށް އިތުރުވެގެން ދާނެ ކަމަށް ލަފާ ކުރެވެއެވެ.

އެއިރޯ-ސްޕޭސް އެލުމިނިއަމް އަދި ކުރިއަށްވުރެ ވަރުގަދަ ބިއްލޫރިގަނޑެއް

އެޕަލް ކުންފުނިން ބުނާގޮތުގައި ބަލައިލުމުގައި އާ ފޯނުތައް މިދިޔަ އަހަރު ނެރުނު ފޯނުތަކާ އެއްގޮތް ވީ ކަމުގައި ވިޔަސް އާފޯނުތައް އެތެރެއިން މާ ވަރުގަދަ ވާނެ އެވެ. މިފަހަރު ފޯނުތަކުގެ ފްރޭމް ހެދުމަށް ބޭނުންކުރެވިފައިވަނީ އެއިރޯސްޕޭސްގެ ދާއިރާގައި ބޭނުންކުރާ ފެންވަރުގެ އެލުމިނިއަމް އެވެ. "ސީރީޒް 7،000" ގެ ނަން ދެވިފައިވާ މި އެލުމިނިއަމް އަކީ "އެޕަލް ވޮޗް ސްޕޯޓް" ހެދުމަށްވެސް ބޭނުންކުރެވޭ ވައްތަރުގެ އެލުމިނިއަމް އެވެ. ބެލެވޭ ގޮތުގައި އައު ވައްތަރެއްގެ އެލުމިނިއަމް ބޭނުންކުރެވިފައި ވަނީ ކުރިން ނެރުނު އައިފޯން6 އާއި 6ޕްލަސް ބަނޑިވުމުގެ ޝަކުވާ ކުރެވިފައިވާތީ އެވެ.

މީގެ އިތުރުން އައު ފޯނުތަކުގައި ވަނީ ކުރިއަށް ވުރެ ވަރުގަދަ ބިއްލޫރިގަނޑެއް ބޭނުން ކުރެވިފައެވެ.

އާ "ފޯސް" ޓަޗް

އެޕަލް ކުންފުނިން ވަނީ އައު ފޯނުތަކުގައި އެޕަލް ވޮޗް އަދި މެކް ޓްރެކްޕެޑް ތަކުގައި ބޭނުން ކޮށްފައިވާ ޓެކްނޮލޮޖީ އެއް ބޭނުންކޮށްފަ އެވެ. "ފޯސް ޓަޗް" ގެ ނަން ދެވިފައިވާ މި ޓެކްނޮލޮޖީގެ ސަބަބުން ސްކްރީނަށް އިރުކޮޅެއް ވަންދެން ފިއްތައިގެން ހުރުމުން އިތުރު އޮޕްޝަން ތަކެއް ހުޅުވިގެންދާނެ އެވެ.

ތިރިއަށް ފިއްތާލުމުން އެ އިރެއްގައި ބޭނުންވާ މެނޫއެއް ނޫނީ އެހެން އެޕްލިކޭޝަނެއް ހުޅުވި ނޫނީ ފޮޓޯތައް ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު މިއީ އައިފޯނުތަކުން މިހާރުވެސް ސްކްރީނަށް "ޓެޕް" ކޮށްގެން ނޫނީ ފިއްތާލައިގެން ކުރެވޭ ކަންތަކާއި މާ ބޮޑު ތަފާތެއް ހުރި ބަދަލެއް ނޫނެވެ.

"ފޯސް ޓަޗް" ގެ އިތުރު ބޭނުމަކީ ހޯމް ސްކްރީނުގައި ހުރެފައި އެންމެ ގިނައިން ބޭނުން ކުރެވޭ ކަމެއް – މިސާލަކަށް ރައްޓެއްސަކަށް މެސެޖެއް ކޮށްލުން ފަދަ ކަމެއް ކުރުމެވެ. އީމެއިލް އިންބޮކްސް ހުޅުވައިގެން ހުރިއްޔާ އެ މެސެޖެއްގެ ބަޔަކަށް ފިއްތާލުމުން ފްލައިޓެއްގެ ނަންބަރު ފަދަ އިތުރު މައުލޫމާތު ފެނިގެންދާނެ އެވެ. އެޕަލް ކުންފުނިން މިކަމަށް ކިޔަނީ "ޕީކް" ކުރުމެވެ.

އެތެރޭގައިވާ އައު ހާޑްވެއާ

އެންމެ ބޮޑު ހަބަރަކީ ކުރިމަތީ އަދި ފަހަތު ކެމެރާ އަށާއި ވީޑިއޯ ކުރުމުގެ ގާބިލުކަމަށް ގެނެވުނު ބޮޑު ބަދަލު ކަމުގައި ވިޔަސް، މީގެ އިތުރުންވެސް ކުދި ބަދަލުތަކެއް ހާޑްވެއާ އަށް ގެނެވިފައިވެއެވެ.

ކުރިއަށްވުރެ ގިނަ މެގަޕިކްސަލް ތަކާއި އެކު ކެމެރާތަކާއި ވީޑިއޯ

12 މެގަޕިކްސަލްގެ ކެމެރާ އަކީ، އެތައް ޒަމާނެއް ވަންދެން އެމީހުންގެ އައިފޯނުތަކުގައި 8 މެގަޕިކްސަލް ސެންސާރ ބޭނުންކުރަމުން އައި އެޕަލް ކުންފުނިން ގެނައި ވަރަށް ބޮޑު ބަދަލެކެވެ. އެ ކުންފުނިން ބުނާ ގޮތުގައި އޮޓޯފޯކަސްގެ ފެންވަރު ރަނގަޅު ވެފައި ކުލަތަކުގެ އެކިއުރޭޓްކަން ފަހުރުވެރިވާ ވަރަށް ސީދާ ވާނެ އެވެ.

5 މެގަޕިކްސަލްގެ ކުރިމަތީ ކެމެރާ އަކާއިއެކު އައިފޯން 6 އެސް އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އައު ފޯނުން ފެނިގެންދާނެ ތަފާތަކީ ކުރިމަތީ ކެމެރާގައި މަދު ފޯނުތަކެއް ފަދައިން ފްލޭޝް ބޭނުން ކުރުމުގެ ބަދަލުގައި އަލި ކުރުމަށް ހޯމް ސްކްރީން ބޭނުންކުރުމެވެ. މީގެ މަގްސަދަކީ އަނދިރި ތަނެއްގައި ހުރެގެންވިޔަސް ސެލްފީ ނަގާއިރު އިތުރަށް އަލިކޮށްދިނުމެވެ.

"ލައިވް ޕޮޓޯ" އަކީ ކެމެރާ އިން ފެނިގެންދާނެ އައު ފީޗާއެކެވެ. "ލައިވް ފޮޓޯ" އަކީ ޕޮޓޯ އޮޓޯއިން ވީޑިޔޯ ނުވަތަ ގްރެފިކްސް އިންޓަޗޭންޖް ފޯމެޓަށް ބަދަލުކޮށްދޭ ފީޗާއެކެވެ. ނަމަވެސް އެއް "ލައިވް ޕޮޓޯ" ފައިލްގެ ބޮޑުމިން ދެ އާދައިގެ ފޮޓޯއެއް ވަރު ވެއެވެ. އެހެންކަމުން ސްޓޯރޭޖް ސްޕޭސް އިތުރަށް ބޭނުންވާނެ އެވެ.

މީގެ އިތުރުން އެޕަލް ކުންފުނިން ވަނީ 4ކޭ ރެޒެލިއުޝަންގެ ވީޑިޔޯ ރެކޯޑުކުރުމުގެ ގާބިލްކަން އެ ކުންފުންޏާ ވާދަވެރި އެހެން ކުންފުނިތައް ފަދައިން ހިމަނައިފައެވެ.

މިދިޔަ އަހަރު ނިކުތް އެޕަލް ކުންފުނީގެ ފޯނުތައް ފަދައިން އައިފޯން 6އެސް ޕްލަސް އަކީ އަތް ތުރުތުރު އެޅުމުން ފޮޓޯ ފުސްވުން ރަނގަޅުކޮށްދޭ "އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒާ" އެށް ހުރި ހަމައެކަނި ފޯނެވެ.

ޓަޗް އައިޑީ

މި ފަހުގެ ސެންސަރުގެ ސަބަބުން ފޯނު ކުރިއަށްވުރެ އަވަހަށް ހުޅުވައިލެވޭނެ ކަމަށް ބެލެވެއެވެ. އުންމީދަކީ ފިންގަޕްރިންޓް ޖަހައިގެން ފޯނު ހުޅުވުންވެސް އަވަސް ވެގެންދިޔުމެވެ.

ޕްރޮސެސާ

ޕްރޮސެސާއަކަށް ބޭނުންކުރެވެނީ އެޕަލް ކުންފުނީގެ އަޕްގްރޭޑް ކުރެވިފައިވާ އޭ9 ޕްރޮސެސާ އެވެ. މިއީ އެ ކުންފުނީގެ ތިންވަނަ ޖީލުގެ 64 ބިޓް ޗިޕެކެވެ. އެމީހުން ބުނާގޮތުގައި މި ޕްރޮސެސާ އެޕެއް ހުޅުވުންފަދަ އާންމު ޓާސްކްތައް ފުރިހަމަ ކުރުމުގައި މިދިޔަ އަހަރުގެ އޭ8 ޕްރޮސެސާއަށް ވުރެ 70 އިންސައްތް ހަލުވިވެފައި ގޭމިންގް ފަދަ ގްރެފިކް ޓާސްކްތައް ފުރިހަމަ ކުރުމުގައި 90 އިންސައްތަ ހަލުވި ވާނެ އެވެ.

ކުރިއަށްވުރެ ހަލުވި އެލްޓީއީ، ވައިފައި

އެޕަލް ކުންފުނިން ބުނާގޮތުގައި އެމީހަކު ދިރިއުޅޭ ސަރަހައްދެއްގައި އެކަމަށް ސަޕޯޓު އޮންނަ ނަމަ މި ފޯނުތަކުން އެލްޓީއީ އެޑްވާންސްޑް ގެ އެންމެ ހަލުވި ގުޅުންތަކުގެ އަޖުމަ ބަލައިލެވޭނެ އެެވެ. އަދި މި ފޯނުތަކުން އެންމެ ފަހުގެ، އެންމެ ފެންވަރު ރަނގަޅު ވައިފައި ނެޓްވޯކުތަކަށް ސަޕޯޓު ކުރާނެ އެވެ.

އައިއޯއެސް9

އައު ދެ ފޯނުގައިވެސް ބޭނުންކުރެވޭނީ އައިއޯއެސް9 އެވެ. މި އޮޕަރޭޓިން ސިސްޓަމް ވަނީ ކުރިއަށްވުރެ ހުޝިޔާރު "ސިރީ" އާއި އިތުރު ތިން ގަޑިއިރުވަންދެން ދެމިހުންނާނެ ބެޓަރި އަކާ އައު "ލޯ ބެޓަރީ މޯޑް" ފަދަ ބަދަލުތަކަކާ އެކު އަޕްޑޭޓް ކުރެވިފަ އެވެ. އަޕްޑޭޓް ކުރެވިފައިވާ އޮޕަރޭޓިން ސިސްޓަމް އައިފޯނުތަކަށް އަންނާނީ ސެޕްޓެމްބަރު 16 ގައެވެ.

އަގާއި އެވެއިލަބިލިޓީ

އައިފޯން 6އެސް އާއި އައިފޯން 6އެސް ޕްލަސް ޕްރީއޯޑާރ ކުރުމުގެ ފުރުސަތު ހުޅުވައިލެވޭނީ ސެޕްޓެމްބަރު 12 ގައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފިހާރަތަކުން މި ދެ ފޯނު ސެޕްޓެމްބާރ 25 އިން ފެށިގެން ލިބެން ހުންނާނެ އެވެ.

އެމެރިކާގައި އައިފޯން 6އެސް (16 ޖީބީ) ގެ އަގަކީ 200 އެމެރިކާ ޑޮލަރެވެ. އަދި އައިފޯން 6އެސް ޕްލަސް ގެ އަގަކީ 300 އެމެރިކާ ޑޮލަރެވެ.

އިނގިރޭސިވިލާތުގައި އައިފޯން 6އެސް ގެ އަގަކީ 540 އިނގިރޭސި ޕައުންޑް (16 ޖީބީ)، 620 އިނގިރޭސި ޕައުންޑް (64 ޖީބީ) އަދި 700 އިނގިރޭސި ޕައުންޑު (128 ޖީބީ) އެވެ. އަދި އައިފޯން 6އެސް ޕްލަސް އެއްގެ އަގަކީ 620 އިނގިރޭސި ޕައުންޑް (16 ޖީބީ)، 700 އިނގިރޭސި ޕައުންޑު (64 ޖީބީ)، އަދި 790 އިނގިރޭސި ޕައުންޑު (128 ޖީބީ) އެވެ.

އެކަށީގެންވާ ވަރުގެ ބޮޑު ބަދަލެއް ބާ؟

އެސް-ސީރީޒްގެ އައިފޯނަކީ އަގާ އެއްވަރުގެ ބަދަލުތަކެއް ގެނެވިފައިވާ ފޯނުތަކެއް ތޯ މިއީ ކޮންމެ އަހަރަކުވެސް ކުރެވޭ ސުވާލެކެވެ. އެހެން އަހަރުތަކެކޭ އެއްފަދައިންވެސް މި ސުވާލުގެ ޖަވާބު ގުޅިފައިވަނީ އެ މީހެއްގެ އަތުގައި އޮތް އައިފޯން މޮޑަލާ އެވެ.

އައިފޯން 6 ނުވަތަ 6 ޕްލަސް އެއް ގެންގުޅޭނަމަ ހަމައެކަނި ބޮޑު ބަދަލަކީ ކެމެރާ އަޕްގްރޭޑް ކުރެވިފައި ވުމެވެ. އައިފޯން 6 އިން މިހާރުވެސް ނުލާހިކު ފެންވަރު ރަނގަޅު ޕޮޓޯ ނެގެއެވެ. އެހެން ކަމުން ފޯނު ބޭނުން ކޮށްގެން ފޮޓޯ ނަގާ ޕޮޓޯގްރާފަރުންނާއި ސެލްފީ ނެގުމުގައި ކުރީގައި އުޅޭ މީހުންނަށް ކެމެރާ އަށް ގެނެވިފައިވާ ބަދަލަކީ ކަމުދާ ބަދަލަކަށް ވެގެންދާނެ އެވެ. ފޯނު އަޕްގްރޭޑް ކުރަންވީ އިތުރު މާ ބޮޑު ސަބަބެއް ނެތެވެ.

އައިފޯން 5އެސް ނުވަތަ އޭގެ ކުރީގެ މޮޑަލެއް ބޭނުންކުރާނަމަ އައިފޯން 6އެސް ނުވަތަ 6އެސް ޕްލަސް ބޭނުން ކުރުމުން ފޯނުގެ ހަލުވި ކަމާއި ތަފާތުކަން ބޮޑަށް ވަޒަން ކުރެވޭނެ އެވެ.

މިއާ ހިލާފަށް ފަހުގެ އެންޑްރޮއިޑް ފޯނެއް ގެންގުޅޭ މީހަކަށް އައިފޯން 6އެސް އަކުން މާ ބޮޑު އައު ފީޗާއެއް ބޭނުން ކުރުމުގެ ފުރުސަތެއް ލިބިގެނެއް ނުދާނެ އެވެ. ގޫގަލް ގެ "ވޮއިސް އެސިސްޓަންޓް" މިހާރުވެސް އުޅެނީ ސާޗް އެކިއުރަސީ އާއި ކުރެވޭ ކަންތަކަށް ބަލާއިރު "ސިރީ" އަށްވުރެ ކުރީގަ އެވެ.

އެޕަލްގެ "ފޯސް ޓަޗް" ފީޗާ އަކީ ރަނގަޅު އެންހާންސްމެންޓަކަށް ވިޔަސް އެއީ އެހާ ބޮޑު ބަދަލެއް ނޫނެވެ. އެންޑްރޮއިޑް ފޯނަކުން އައިއޯއެސް ފޯނަކަށް މީހަަކު ބަދަލުވާން ބޭނުންވާނީ އެޕަލްގެ އެހެން އުފެއްދުމެއް ބޭނުން ކުރުން ނުވަތަ އައު ސޮފްޓްވެއާއެއްގެ އަޖުމަ ބަލާލުން ފަދަން އެހެން މަގުސަދެއް އޮތުމުންނެވެ.