10 Sep 2015, 21:36
ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލައިފި އެވެ.
ހައިކޯޓުގެ ވެބްސައިޓުގައި މިރޭ އާންމުކޮށްފައިވާ "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު"ގައިި ވަނީ ރައީސް ނަޝީދުގެ މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފައިވާ އިރު، އިސްތިއުނާފު މައްސަލަ ބިނާކޮށްފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ފެތޭގޮތަށް ނޫން ކަމަށެވެ.
އަދި ހައިކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ އަކީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާފައި މައްސަލައަކަށް ނުވާތީ އިސްތިއުނާފު މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
ހައިކޯޓުގެ ނިންމުމުގައި ވަނީ ކަނޑައެޅިފައިވާ 10 ދުވަހުގެ މުއްދަތުގައި މައްސަލަ އިސްތިއުނާފު ނުކުރެވުނީ ސަބަބެއް އޮވެގެން ކަމުގައިވާ ނަމަ މުއްދަތު ހަމަވާފަހުން މައްސަލަ އިސްތިއުނާފު ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް ނޫން ކަމަށެވެ.
"ދަށު ކޯޓު ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމެއް ރަނގަޅު ނޫން ކަމަށް ދެކިގެން އެ ނިންމުމަކާ މެދު ހިތްހަމަނު ޖެހޭ ފަރާތަކުން އެ ނިންމުމެއް ނިންމިތާ 10 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް އެ މުއްދަތުގައި މައްސަލަ ހުށަނޭޅުނު ސަބަބަބެއް ނުވަތަ ސަބަބުތަކެއް އޮތް ނަމަ އެކަން ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ކަނޑައެޅިގެން ގާނޫނީ ގޮތުން މަނާވެފައިނުވޭ،" ހައިކޯޓުގެ ނިންމުމުގައިވެ އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުން އެ މައްސަލަ އިސްތިއުނާފުކުރަން މީގެ ކުރިން ދެކޮޅު ހަދާފައި ވަނީ މައްސަލަ އިސްތިއުނާފުކުރަން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތު ހަމަވެފައި ވާތީ ކަމަށް ބުނެ އެވެ.
ހައިކޯޓުގެ ނިންމުމުގައި ރައީސް ނަޝީދުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ހުކުމާ މެދު ފާޅުކޮށްފައިވާ ބައެއް ކަންބޮޑުވުންތަކާ މެދު ވަނީ ގޮތެއް ނިންމައިފައެވެ. އެއީ ރައީސް ނަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކެއް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކެވެ. އެކަންކަމާ މެދު ގޮތެއް ނިންމީ ހައިކޯޓަށް ލިބިދީފައިވާ ވިރާސީ ބާރުގެ ދަށުންނެވެ.
ދައުވާއާ ގުޅޭ ލިޔުންތައް ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު ރައީސް ނަޝީދަށް ދީފައިނުވާ ކަމަށް ބުނާ މައްސަލާގައި ހައިކޯޓުން ކަނޑައަޅާފައި ވަނީ އެކަށީގެންވާ ފުރުސަތު ދީފައިވާ ކަމަށެވެ.
އެގޮތަށް ހައިކޯޓުން ކަނޑައެޅި ސަބަބުތައް
- ހުޅުމާލޭ ކޯޓުގައި އެންމެ ފުރަތަމަ 2012 ވަނަ އަހަރު ދައުވާ ކުރި އިރު ރައީސް ނަޝީދުގެ ވަކީލުންނަށް މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ވަނީ ދީފައި.
- ފަހުން ދައުވާ ބަދަލުކޮށް 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގީވެސް ހަމަ އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް.
ޓެރަރިޒަމްގެ ދައުވާއަށް ދިފާއުގައި ވަކާލާތު ކުރުމަށް ވަކީލުން ހަމަޖެއްސުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ބުނާ މައްސަލާގައި ވެސް ހައިކޯޓުން ކަނޑައަޅާފައި ވަނީ އެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ.
އެ ފުރުސަތު ދީފައިވާ ކަމަށް ކަނޑައެޅި ސަބަބުތައް:
- ޓެރަރިޒަމްގެ މައްސަލައިގެ ޝަރީއަތް ހިންގަން ފެށީ ދިފާއީ ވަކީލުންނާ އެކު.
- ވަކި ހިސާބަކުން ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް ދިފާއީ ވަކީލުން އިންކާރު ކުރެއްވުމުން، އެހެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފައިވޭ.
- ވަކީލަކު ހަމަޖެއްސުމުގައި ރައީސް ނަޝީދަށް އެހީތެރިވުމަށް ފުލުހުންނަށް ކްރިމިނަލް ކޯޓުން ސިޓީއެއް ފޮނުވާފައިވޭ.
ކްރިމިނަލް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ މުސްތަގިއްލުކަމާ މެދު އުފައްދާފައިވާ ސުވާލާ މެދު ހައިކޯޓުން ކަނޑައަޅާފައި ވަނީ ފަނޑިޔާރަކު އިންސާފުން ބޭރުން މައްސަލަ ނިންމާފައިވާކަން ދަލާލަތުކޮށްދޭ ހަގީގީ ހެކިތަކެއް ނެތްހާ ހިނދަކު ފަނޑިޔާރުންގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ޝަރީއަތް ހިންގި ފަނޑިޔާރުންނަކީ ދައުވާކުރި ހާދިސާ ހިނގިއިރު ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި ފަނޑިޔާރުން ކަމަށް ވިޔަސް ހުކުމަށް ވާސިލުވެފައި ވަނީ ކޯޓަށް ހުށަހެޅުނު ލިޔުންތަކާއި ގަރީނާތަކުގެ މައްޗަށް ކަމަށް ވާތީ، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މުސްތަގިއްލުކަމާ މެދު ޗެލެންޖުކުރެވޭނެ ޖާގައެއް ނެތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.