10 Sep 2015, 20:42
ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފުށީ ޖަލުގައި ހުންނަވާ ގޮޅި ބަގް ކޮށްފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޖެރެޑް ޖެންސާ ދެއްކެވި ވާހަކަތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޮގުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ޓީމާއި އެމަނިކުފާނާ ދެމެދު މާފުށީ ޖަލުގައި ހިނގި ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް އެ ސާވިސް އިން ހޯދައި އަޑުއަހާފައިނުވާނެ ކަމަށެވެ.
"މިކަމުގައި މި ސާވިސް އާއި ދިވެހި ސަރުކާރުގެ އެއްވެސް އަތެއްވާކަމުގައި ބުނާ ތުހުމަތު މި ސާވިސްގެ ފަރާތުން ކަނޑައެޅިގެން ދޮގުކުރަމެވެ،" ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ ގައިދީންނާއި އެ ފަރާތުގެ ވަކީލާ ދެމެދު ބަދަލުކުރެވޭ މައުލޫމާތަކީ "ވަކީލު - މުވައްކިލު ގުޅުމުގެ އިމްތިޔާޒުން" ހިމާޔަތްކޮށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު ކަމުގައި އެ ސާވިސް އިން ދެކޭ ކަމަށެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ބައިނަލްއަގުވާމީ ގާނޫނީ ޓީމާއެކު ބައްދަލުކުރުމަށް އެ ސާވިސްގެ ފަރާތުން އެކަށީގެންވާ މާހައުލު ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"އެ މާހައުލަކީ މި ދެ ފަރާތް ދެމެދު ފަސޭހަކަމާ އެކު އިތުރު އެއްވެސް ފަރާތަކަށް ހާމަކުރުމެއްނެތި، ވާހަކަދެއްކޭނެ މާހައުލެއްކަމުގައި ވެސް މި ސާވިސް އިން ކަށަވަރު ކުރަމެވެ،" ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.
ޖެރެޑްގެ އެ ތުހުމަތުތައް އެންމެ ފުރިހަމައަށް ތަހުގީގު ކުރެވެން ޖެހޭނެ ކަމަށާއި އެ ތަހުގީގު އެ ސާވިސްގެ ފަރާތުން ކުރާނެ ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޖެރެޑް (ވ) މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"މި ތަހުގީގުގައި އާޚިރުގައި ފާޅުވާ ކަންތައްތައް މި ސާވިސްގެ ފަރާތުން ރިޕޯޓު ކުރާނޭ ކަމުގައި ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ،" ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.
ޖެރެޑް ތުހުމަތުކޮށްފައިވާ ފަދައިން ރައީސް ނަޝީދުގެ އަސާސީ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފައިވާކަމަށް އެ ސާވިސް އަށް ފެނިއްޖެނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް އެކަށީގެންވާ ގާނޫނީ ފިޔަވަޅު އެޅިގެންދާނެ ކަމަށް ވެސް ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެރެޑް ވިދާޅުވީ ރައީސް ނަޝީދާއެކު މާފުށިޖަލުގައި މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށާއި އެ ބައްދުވުން ނިންމާލުމަށްފަހު ނިކުތްތާ މާގިނައިރުތަކެއް ނުވެ ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީއަށް މީހަކު ފޯނުން ގުޅައި އެބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ކިޔަދީފައިވާ ކަމަށެވެ.
އެމީހަކު ބުނިގޮތުގައި އެވާހަކަތަށް އޭނާއަށް އެނގިފައި ވަނީ ސަރުކާރުގެ އޮފިޝަލެއްގެ ފަރާތުން ކަމަށް ޖެރަޑް ވިދާޅުވި އެވެ.