10 Sep 2015, 19:47
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީ އެދިވަޑައިގަތުމުން އޭނާއާ ބައްދަލު ނުކުރެވުނީ ވަގުތު ނެތުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޕީޖީ މުހުތާޒު ވިދާޅުވީ، އަމާލް އެމަނިކުފާނާ ބައްދަލުކުރައްވަން އެދިވަޑައިގަތުމުން ވަގުތު ހުރިގޮތުން ބައްދަލުކުރެވެން ނެތް ވާހަކަ ދަންނަވާފައިވާނެ ކަމަށެވެ.
އަޅުގަނޑަށް ވަގުތު ހުރިގޮތުން ބައްދަލުކުރެވެން ނެތް ވާހަކަދެންނެވިން. ބައްދަލު ނުކުރާނަމެކޭ ވެސް ނުދަންނަވަން،ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން
އަމާލް ޕީޖީއާ ބައްދަލުނުކުރެވިގެން ކަންބޮޑުވެވަޑައިގަންނަވާއިރު، އެމަނިކުފާނާ ބައްދަލުކުރަން އަމާލަށް އެހާ މުހިންމުވި ސަބަބެއް ނުވިސްނުނު ކަމަށް ވެސް ޕީޖީ މުހުތާޒު ވިދާޅުވިއެވެ.
"އަމާލްގެ ކޭސްއެއް ނޯންނާނެ ރާއްޖެއަކުއެއް. ޕީޖީއަކީ ރައީސް ނަޝީދުގެ އދ. ގައި ހިނގާ މައްސަލާގައި ވަކާލާތު ކުރާ މީހެއް ނޫން. އެ މައްސަލައިގައި ސްޓޭޓް އޮފް ރެޕްރެޒެންޓް ކުރަނީ ބަންޑާރަ ނައިބު. ބަންޑާރަ ނައިބު އަމާލްއާ ބައްދަލުކުރެއްވި،" މުހުތާޒު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ
ޮޕީޖީ މުހުތާޒު ވިދާޅުވީ، ދައުލަތުން ދައުވާ އުފުލާފައިވާ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތްތަކުން އެދިއްޖެނަމަ އެފަދަ ފަރާތްތަކާ ޕީޖީ އަންނަނީ އަބަދުވެސް ބައްދަލުކުރަމުން ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކު އެދިލެއްވުމުން އެބޭފުޅަކާ ބައްދަލުކުރައްވާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވަކީލުންނަށް ވެސް އެބޭފުޅުން ބޭނުންފުޅުނަމަ އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވެސް މުހުތާޒު ވިދާޅުވިއެވެ.
"އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ ފަރާތްޕުޅުން ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށްވަންޏާ އެ މައްސަލާގައި އައްޔަންވެފައިތިބި ވަކީލުންގެ ތެރެއިން ބޭފުޅަކު ވަޑައިގެންފިކަމަށް ވަންޏާ ޕީޖީ ބައްދަލުކުރާނެ،" މުހުތާޒު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމާލް ކްލޫނީ ވިދާޅުވެފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްއާ ބައްދަލުކުރަން އުޅުމުން ޕީޖީ އޭނާއަށް އެ ފުރުސަތު ދެއްވާފައިނުވާ ކަމަށެވެ.