18 Mar 2011, 20:28
ރައީސް މުހައްމަދު ނަޝީދާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު "ސިއްރު ބައްދަލުވުމެއް" ބޭއްވި ކަމަށް ބުނެ އަޑުފެތުރިއްޖެ އެވެ.
މައުމޫން ފެކްޝަނުގެ ބޭފުޅުންނާ ހަވާލާދީ އެކި މީޑިއާތަކުގައި ބުނަމުންދަނީ، ރައީސް ނަޝީދާއި ތަސްމީނުގެ ސިއްރު ބައްދަލުވުމެއް މިއަދު ކުރިއަށްގެންދިއުމަށް ރާވައިފައިވާކަމަށެވެ. ނަމަވެސް، އެ ބައްދަލުވުން އޮތް ތަނެއް ނުބުނެ އެވެ.
އެ ފެކްޝަނުގެ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، މިހާރު އެ ބައްދަލުވުން ހިނގައިފައިވާ ކަމަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ތަސްމީން ވިދާޅުވީ، އިދިކޮޅު ލީޑަރެއްގެ ހައިސިއްޔަތުން ރައީސް ނަޝީދާ ބައްދަލުކުރައްވަންވެއްޖެ ކޮންމެ ހާލަތެއްގައި އެމަނިކުފާނާ ބައްދަލުކުރައްވާނެ ވާހަކައަކީ އަބަދުވެސް އޭނާ ދައްކަވާ ވާހަކައެއް ކަމަށާއި އަދިވެސް ހުންނެވީ އެގޮތުގައި ކަމަށެވެ.
ނަމަވެސް މިއަދު ރައީސް ނަޝީދާ ބައްދަލުވުމެއް ކުރިއަށްގެންދެވިތޯ ސަން އިން ސުވާލު ދެންނެވުމުން ތަސްމިން ވިދާޅުވީ، "އަދި މިއަދު ބައްދަލުނުކުރައްވާ" ކަމަށެވެ.
މައުމޫން ފެކްޝަނުން ބުނަނީ، ތަސްމީނު ހުންނެވީ އޭނާ ޗުއްޓީ ހޭދަކުރައްވާ ރަށް، ވ.އާރަރުގައި ކަމަށެވެ. އަދި ރައީސް ނަޝީދު ހުންނެވީ ހަމަ އެ އަތޮޅު އަލިމަތާ ރިސޯޓުގައި ކަމަށް ވެސް ބުނެ އެވެ. ނަމަވެސް، ދެބޭފުޅުންގެ ބައްދަލުވުން އޮތް ތަނެއް ނޭގޭ ކަމަށް އެ ފެކްޝަނުން ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ރައީސް ނަޝީދު މާލޭގައި ވަޑައިގެންނޫޅުއްވަ އެވެ. ނަމަވެސް، ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ފޯނަށް ޖަވާބުނުދެއްވާތީ އެމަނިކުފާނު މިހާރު ހުންނެވިތަނެއް ކަށަވަރެއް ނުވި އެވެ.