ޏ. ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ޝީ ބިލްޑިން ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، އެމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރު އިއުލާނުކޮށް ގެޒެޓްކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތަށް ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ކުވައިތު ފަންޑް ފޮ އަރަބިކް އިކޮނޮމިކް ޑިވެލޮޕްމެންޓް ފަންޑުގެ ލޯނު އެހީގެ ދަށުންނެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޕްރީ ކޮލިފިކޭޝަންގައި ބައިވެރި ވުމަށް 1،500 ރުފިޔާގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަަން ޖެހޭނެއެވެ.

ރެޖިސްޓްރޭޝަން ފީދެއްކުމަށް އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ އަށެއްގެ ނިޔަލަށް މުއްދަތު ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޑިޒައިން ދައްކާލައިފައެވެ. ޑިޒައިން ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެގޮތުން އެެރަށުގެ ފެނުގެ މަސައްކަތް ކުރާއިރު ރަށުގެ މެދުގައި ސެންޓްރަލް ޕަމްޕިން ސްޓޭޝަނެއް ގާއިމްކުރާނެއެވެ. އެއާއެކު އާރުއޯ ތިން ޔުނިޓެއް ގާއިމް ކުރާނެއެވެ.

ފުވައްމުލަކުގައި ގާއިމް ކުރާ ނަރުދަމާ ނިޒާމަކީ ރާއްޖޭގައި ގާއިމު ކުރާ އެންމެ ބޮޑު ވެކިއުމް ސުވަރޭޖް ސިސްޓަމެވެ.