ސައުތު އޭޝިއާ ސަރަހައްދުގައި އަދި ރާއްޖޭގައި ވެސް ފުރަތަމަ ފަހަރަށް ލޯންޗްކުރި އެންމެ ހަލުވި އިންޓަނެޓް، އެލްޓީއީ އެޑްވާންސްޑް ނެޓްވޯކް ދިރާގުން މިއަދު ތައާރަފުކޮށްފި އެވެ.

އެލްޓީއީ އެޑްވާންސްޑް ނެޓްވޯކަކީ ފޯޖީ އެލްޓީއީ ނެޓްވޯކާ އަޅައިބަލާއިރު ގާތްގަނޑަކަށް ތިންގުނަ ހަލުވި ސްޕީޑްގައި އިންޓަނެޓް ލިއްބައިދޭނެ ނެޓްވޯކެކެވެ. އެގޮތުން އެ ނެޓްވޯކް މެދުވެރިކޮށް ސިކުންތަކަށް 300 އެމްބީގެ ސްޕީޑްގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ.

ދިރާގުން މިއަދު ރާއްޖެއަށް އެލްޓީއީ އެޑްވާންސްޑް ނެޓްވޯކް ތައާރަފުކޮށްފައިވާ އިރު، ދުނިޔޭގެ އެކި ހިސާބުތަކުން 13 ގައުމެއްގައި 28 އޮޕަރޭޓަރުން އެ ހިދުމަތް ދެއެވެ. ނަމަވެސް އެލްޓީއީ އެޑްވާންސްޑް ނެޓްވޯކް ސަޕޯޓްކުރާ ހޭންޑްސެޓްތައް ނުވަތަ ޑިވައިސްތައް އަދި މާކެޓްގައި ވަރަށް މަދެވެ. އެންމެފަހުން ލޯންޗްކުރި އައިފޯން ސިކްސް އެސް އަދި ނޯޓް ފަހެއްގައި އެ ޓްކްނޮލޮޖީ ހިމެނޭ އިރު، ކުރިއަށްއޮތް ތަނުގައި ނުކުންނަ ސްމާޓްފޯނުތަކުގައި މި ޓެކްނޮލޮޖީ ހިމަނާނެކަމަށް ބެލެވެ އެވެ.

ސީހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން ވިދާޅުވީ، މޮބައިލް ޑޭޓާގެ ހިދުމަތް މިދުވަސްވަރު ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް މުހިންމު އެއްޗަކަށް ވެފައިވާ އިރު އެލްޓީއީ އެޑްވާންސްޑް ނެޓްވޯކަކީ މޮބައިލް ޑޭޓާ ނެޓްވޯކަށް ލިބިގެންދިޔަ ރަނގަޅު ކުރިއެރުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިވަގުތު މާލެއަށް އެކަނި އެ ހިދުމަތް ލިބުނު ނަމަވެސް އަވަސް މުއްދަތެއްގެ ތެރޭގައި މުޅި ރާއްޖެއަށް އެ ހިދުމަތް ދިރާގުން ފުޅާކުރާނެ ކަމަށެވެ.